ads
ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް - ފޮޓޯ: މަޖިލިސް
އާ މިނިސްޓްރީތަކަށް ބޭނުންވާ ބަޖެޓް އަންނަ ހޯމަދުވަހު މަޖިލީހަށް ފޮނުވަނީ
ރައީސް މުއިއްޒުގެ ސަރުުކާރުން މުޅިން އަލަށް އުފެއްދި މިނިސްޓްރީތަކުގެ ބަޖެޓު ރައްޔިތުންގެ މަޖިލިހަށް ފޮނުވޭނީ އަންނަ ހޯމަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ބުނެފި އެވެ.

މިއަދުގެ ޖަލްސާގެ މެންދުރުފަހު ދަންފަޅީގެ ރިޔާސަތުގައި އިންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވީ، މިމަހު 17 ގައި ރިޔާސީ އާ ދައުރު ފެށުމާއެކު ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން އުފެއްދި އާ ވުޒާރާތަކުގެ ބަޖެޓް ހިމެނޭގޮތަށް، އަންނަ އަަހރުގެ ބަޖެޓަށް ބޭނުންވާ މައުލޫމާތުތައް މަޖިލީހަށް ފޮނުވޭނީ އަންނަ ހޯމަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން ބަޖެޓަށް ވާހަކަ ދައްކަން ބޭނުންވާ ހުރިހާ މެންބަރުން ވާހަކައި ނިމެންދެން ޖަލްސާ ނިންމާ ނުލައި ކުރިއަށް ގެންދަން މަޖިލީހުގެ ފާސް ކޮށްފައިވާތީ، އަންނަ އާދިއްތަ ދުވަހު ބަހުސް ކުރިއަށް ގެންދަން ނިންމައި މަޖިލިސް ޖަލްސާ މެދުކަނޑާލެއްވީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ބަޖެޓް ކޮމެޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޝިޒު ވެސް މިއަދު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ކޮމިޓީއަށް ރިކުއެސްޓެއް ފޮނުވާފައިވާ ކަމަށެވެ.

"ފިނޭންސް މިނިސްޓްރީގެ ފަރާތުން އެބަ އޮތް ރިކުއެސްޓް ކުރައްވައިފަ ދައުލަތުގެ ހިންގުމުގެ ނިޒާމަށް އަންނަ ބަދަލުތަކުގެ ތެރެއިން އިތުރުވާ މިނިސްޓްރީތައް ހިމެނޭ ގޮތުން އިތުރުވާ ވުޒާރާތަކާއެކީގައި ބަޖެޓްގެ އެބައި ބަޔަށް ބަޖެޓް އެޖެސްޓްމެންޓް ހެދުމަށްފަހު އަންނަ ހޯމަ ދުވަހަށް ހުށަހަޅާނެ ކަމަށް،" ނާޝިޒު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ތައްޔާރުކުރި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓްގައިވާ ގޮތުން، ބަޖެޓުން ހަރަދުގެ ގޮތުގައި ހިނގާނީ 47.3 ބިލިއަން ރުފިޔާއެވެ. އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 34.8 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި 2.2 ބިލިއަން ރުފިޔާވެސް ބަޖެޓުގައި ވަނީ ހިމަނައިފައެވެ.

އަންނަ އަހަރަށް ކަނޑައަޅަފައިވާ ބަޖެޓަކީ ކުރީ ސަރުކާރުން ހުށަހެޅި ބަޖެޓެއް ނަމަވެސް، އެ ބަޖެޓުގެ ތެރެއިން އާ ސަރުކާރުގެ ވައުދުތައް ފުއްދަން ފަށައިގަނެވޭނެ ކަމަށް އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޑރ. ޝަފީގު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް 450 މަޝްރޫއުއަކަށް 1.5 ބިލިއަން ރުފިޔާ އާ ސަރުކާރުން ހިމަނާފައިވާ ކަމަށެވެ. އޭގެ ތެރެއިން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، މިހާރު ކުރިއަށްދާ މަޝްރޫއުތައް ވެސް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތްތަކަށް ހޯދައިގެން ކުރިއަށް ދިއުމަށެވެ. ނަމަވެސް، މިއަހަރުގެ ބާކީ ދުވަސްތަކުގައި ކޭޝްފްލޯގެ ތާށިކަން އޮންނާނެ ކަމަށް ވިދާޅުވި އެވެ.

އަންނަ އަހަރު ހަރަދު ކުޑަ ކުރުމަށް ފިޔަވަޅުތައް އެޅުމަށް ޖުލައި މަހު ފަށާނެ ކަމަށާއި އެކަމާ ގުޅޭ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް