ސްކޫލުތަކަށް އިއްޔެ ފޮނުއްވި ސާކިއުލާއެއްގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ކިޔެވުމާއި ކިޔަވައިދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭން ވާނީ މަންހަޖުގައި އެ ދުވަހަކު ކިޔަވައިދިނުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަކޮށް ކިޔަވައިދިނުމަށް ކަމަށެވެ.
ސްކޫލުތަކުގެ ރަސްމީ ދަންފަޅިއަށް ވަންނަހެން ހަރަކާތްތައް ރޭވި ހިންގަމުންދާކަން ފާހަގަކޮށް އެ ސާކިއުލާގައި ވަނީ އެކަމުގެ ސަބަބުން މުގައްރަރުން ބައެއް އުނިވެ ކަނޑައެޅިފައިވާ ވަގުތަށް ކިޔަވައިނުދެވޭ ކަމަށެވެ.
އެހެންކަމުން ގާބިލިއްޔަތުތަކާއި ސިފަތައް އުނގަންނައިދިނުން ބަހާލެވިގެން ނުދިއުމާ އަދި މުގައްރަރު ފުރިހަމަ ކުރުމަށާއި މަގުސަދުތަކާއި ލަނޑުދަތިތައް ހާސިލުކުރަން ޓާމްގެ ފަހުކޮޅު އިތުރު ގަޑިތައް ނަގަން ޖެހި އެއްފަހަރާ ފިލާވަޅުތައް ކިޔަވައިދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ސްކޫލުގައި ބާއްވާ ހަރަކާތްތަކާ ގުޅިގެން ދަރިވަރުންގެ ކިޔަވައިދިނުމުގެ ދަންފަޅިން ވަގުތު ނުގެއްލޭ ގޮތަށް ހަރަކާތްތައް ތަރުތީބުކުރަން އެޑިޔުކޭޝަން މިނިސްޓްރީން އެންގިއިރު، އާ މަންހަޖުގެ މަގުސަދުތައް ހާސިލުކުރަން އިތުރު ހަރަކާތްތައް ގިނަވެ، ދަރިވަރުންނާއި ޓީޗަރުން ކުރިއަށް ވުރެ ގިނަ ވަގުތު ސުކޫލުގައި އުޅެން ޖެހެ އެވެ.