
ސެންޓްރަލް ޕާކު ކައިރީގައި ކާރަކުން ދެ ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން އުމުރުން 30 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ހުޅުމާލެ ކޯޓުން ހަތް ދުވަސް ޖަހާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި އެކަކަށް އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި އިތުރު އެހެން މީހަކަށްވެސް އަނިޔާވެގެން އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެވެމުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެނުނު ގޮތުގައި އެކްސިޑެންޓު ހިނގި ތަނުގައި ތިން މީހަކު ހޭނެތިފައި ބިންމަތީގައި އޮތެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓު ހިނގީ ކާރު ކޮންޓްރޯލް ނުވެ ސައިކަލްތަކުގައި ޖެހުމުގެ ސަބަބުން ކަމުގަ އެވެ. އަދި އަނިޔާވި ހަތަރު މީހުންނަކީ އެތަނުން ދެ ސައިކަލެއްގައި ތިބި މީހުން ކަމަށް ވެސް ފުލުހުން ބުނެ އެވެ. އެކްސިޑެންޓުވި ކާރު އޮތީ މަގުގެ އަނެއްކޮޅުން ދުއްވާ އެއްޗެހި އަންނަ ލޭނުގަ އެވެ.