
ދާދިފަހުން އިންޓެލިޖެންސްގެ އިސްވެރިޔާ ކަމުގައި ހުންނެވި ފަރީދު އިސްމާއިލް މަސްއޫލިއްޔަތުން ވަނީ އެކަހެރިކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އެޑިޕާޓްމަންޓުގެ އެކި ޝެކްޝަންތަކުގެ ވެރިންތަކެއް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ހަ އޮފިސަރަކު ބަދަލުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް އޮފިސަރުންނަށް އެއްވެސް މަސްއޫލިއްޔަތެއް ހަވާލުކޮށްފައެއް ނުވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް ވަނީ ފުލުހުންގެ ތެރެއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް މިހާތަނަށް ބޭފުޅަކު އައްޔަންކޮށްފައި ނުވި ނަމަވެސް، ފުލުހުންގެ އިދާރާ ހިންގުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދަށް ރިޓަޔާ ވުމަށް ވަނީ އަންގާފަ އެވެ. އަދި ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒްވެސް މަސްއޫލިއްޔަތުތަކުން ވަނީ އެކަހެރިކޮށްފަ އެވެ.