
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ކަމަދޫ ކައުންސިލަރުންނާއިއެކު
ކައުންސިލަރުން ތިބީ ސަރުކާރާ އެކު ކުރިއަށްދާން: މިނިސްޓަރު އާދަމް ޝަރީފް
އަލީ މިދުހަތު
24 ނޮވެންބަރ 2023 - 15:57:28
ރަށްރަށުގެ ކައުންސިލަރުން ތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ އެކު ކުރިއަށްދާން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ހަފްތާގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އާއި ބ. އަތޮޅު ކައުންސިލް ގުޅިގެން މިދިޔަ ހަފުތާގައި ވަނީ އެ އަތޮޅުގެ ކައުންސިލްތަކަށް ހާއްސަކޮށްގެން "އެސޯސިއޭޝަން އައިޑިއޭޝަން ވޯކްޝޮޕް"ގެ ނަމުގައި ވޯކްޝޮޕެއް ބާއްވައިފައިވާ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ، އެ ވޯކްޝޮޕްގެ ހަވާސާގައި އެ އަތޮޅުގެ ކައުންސިލާއި އަތޮޅުގެ ރަށްތަކުގެ ކައުންސިލަރުންނާ އެކު ވަރަށް އެކުވެރި މާހައުލެއްގައި ވާހަކަދައްކާލައި ހިޔާލު ބަދަލުކޮށްލަން ލިބުނު ކަމަށެވެ.
އަދި، އެ މަޝްވަރާތަކުގެ އަލީގައި އަތޮޅާއި ރަށްތަކުގެ ކައުންސިލްތަކަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތައް ދެނެގަނެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދެން ވަޒީރު ވިދާޅުވީ، ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށެވެ.
"ކައުންސިލަރުން ތިއްބެވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރަށް އެއްބާރުލުން ދެއްވައިގެން ކުރިއަށް ވަޑައިގަންނަވަން،" ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް