ads
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ވޯލްޑް ޗިލްޑްރެންސް ޑޭ - އާޓް އެގްޒިބިޝަން ރަސްމީގޮތުން ހުޅުވައިދެއްވުމުގެ ތެރެއިން - ފޮޓޯ:ރައީސް އޮފީސް
ރައީސްގެ އަނބިކަނބަލުން، ވޯލްޑް ޗިލްޑްރެންސް ޑޭ އާޓް އެގްޒިބިޝަން ހުޅުވައިދެއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ވޯލްޑް ޗިލްޑްރެންސް ޑޭ - އާޓް އެގްޒިބިޝަން ރަސްމީގޮތުން ހުޅުވައިދެއްވައިފި އެވެ.
Advertisement

ރައީސް އޮފީހުން ވޯލްޑް ޗިލްޑްރެންސް ޑޭ - އާޓް އެގްޒިބިޝަން ރައީސްގެ އަނބިކަނބަލުން ހުޅުވައިދެއްވީ ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީ ހޯލުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުޅުވާލައިގެން "ދަ އައިލެންޑް ވީ ވޯންޓް" ގެ ނަމުގައި ކުރިއަށްގެންދާ މި އާޓް އެގްޒިބިޝަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުޑަކުދިންގެ 380 އަށް ވުރެ ގިނަ ކުރެހުންތައް ދައްކާލާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނެފައި ވަނީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ޔުނިސެފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މި އާޓް އެގްޒިބިޝަން ބާއްވަނީ އެޑިޔުކޭޝަން މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާ ގުޅިގެން ކަމަށެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެ ދުވަހަކީ ކުޑަކުދިންގެ އަސާސީ ހައްގުތައް ބަޔާންކުރާ މުއާހަދާ، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރުސީ) 1989 ވަނަ އަހަރު ފާސްކުރި މުނާސަބަތެވެ.

މި ރަސްމިއްޔާތުގައި ޔުނިސެފާއި އާކް ގުޅިގެން ވަނީ އދ. ގެ މުއާހަދާ، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީއާރުސީ) ގެ ކުޑަކުދިންނާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ފޮތެއް ނެރެދެއްވާފަ އެވެ. މި ފޮތް ނެރެދެއްވައި އަދި ވޯލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން ހުޅުވައިދެއްވީ ރައީސްގެ އަނބިކަނބަލުންނެވެ.

މި އާޓް އެގްޒިބިޝަންގައި އެންމެ މޮޅު 15 ކުރެހުން ހޮވައި އިއުލާންކުރުން އޮތް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި އާޓް އެގްޒިބިޝަން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި އާޓް އެގްޒިބިޝަންގެ ކުރެހުންތައް ބައްލަވާލައްވާފައި ކަމުގަ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް