މިއަދު ހަވީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ހަފުތާގައި މުހިންމު މަސައްކަތްތަކެއް އެމަނިކުފާނު ވަނީ ކުރިއަށް ގެންދަވާފައި ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރެއިން ރައީސް ޑރ. މުއިއްޒު ފާހަގަވީ، ވަރުބަލިކަމެއް ނެތި ބުރަ އަދި ގިނަ ވަގުތު ރައްޔިތުންގެ ހިދުމަތުގައި ހޭދަކުރައްވާ ވެރިއެއްގެ ގޮތުގައި ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވަނީ މީގެކުރިންވެސް ރައީސް ޑރ. މުއިއްޒަށް ތައުރީފުކުރައްވާ ވާހަކަފުޅުދައްކަވާފަ އެވެ. އެގޮތުން ރާއްޖެ އާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސައުދީ އަރަބިއްޔާއިން ސޮއިކުރަން ނިންމި ނިންމުމާ ގުޅިގެން ސައީދު ވަނީ ޑރ. މުއިއްޒުގެ ވެރިކަން ފެށުމާ އެކު އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ އިގުތިސޯދަށް ހެޔޮ އަދި އަވަސް ބަދަލުތަކެއް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރަައްވަމުން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަސައްކަތްތަކުން އަވަސް ހައްލުތަކެއް ދާނީ ފެންނަމުންކަން ވެސް ސައީދު ފާހަގަކުރައްވާފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ސައީދު ވިދާޅުވެފައި ވަނީ އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމުން މަސައްކަތް ކުރާނީ ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށާއި މެނިފެސްޓޯގައި ކަނޑައަޅާފައިވާ ތަރައްގީގެ އަމާޒުތަކަށް ވާސިލުވުމަށް ކަމަށެވެ.
ސައީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާފަ އެވެ.