![](https://cnm.mv/media/images/file_l2fo8t.jpg)
ފުލުހުންގެ މީޑިއާ އޮފިޝަލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މަންނާން މި މަހުގެ 25 ވަނަ ދުވަހު ރިޓަޔާ ކުރެއްވުމަށް ވަނީ ނިންމަވާފައި ކަމުގަ އެވެ. އެހެންނަމަވެސް, އާ ކޮމިޝަނަރެއް އައްޔަނުކުރެވެންދެން އެ މަގާމުގައި ދެމިހުންނެވުމަށް ސަރުކާރުން އެދިވަޑައިގަތުމާ އެކު މަންނާނު ވަނީ އަލުން އަނބުރާ އިއްޔެއިން ފެށިގެން އެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ރިޓަޔާ ކުރެއްވިތާ އެއް ދުވަސް ފަހުން އެކްޓިން ކޮމިޝަނަރުގެ މަގާމަށް މަންނާން ހަމަޖައްސަވާފައި ވަނީ އެ ސަރުކާރުގެ ފަހު 24 ގަޑިއިރުގެ ތެރޭގަ އެވެ. ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް މަންނާން އައްޔަންކުރައްވާފައި ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
އިންޑިއަން ނޭޝަނަލް ޕޮލިސް އެކަޑަމީން ތައުލީމް ހާސިލުކުރެއްވުމަށްފަހު، އިނގިރޭސި ވިލާތުން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ މަންނާން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންފައި ވަނީ މީގެ 29 އަހަރު ކުރިންނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ އާ ގާނޫނު ބުނާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވެއްޖެ ނަމަ، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލަން ޖެހެ އެވެ. ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ބޭފުޅެއް ކަމަށް އެ ގާނޫނުގައި ބުނެފައިވާއިރު، އެކަމަށް އެދި ކުރިމަތިލާ ފަރާތްތައް އިންޓަވިއުކޮށް، ފެންވަރު ވަޒަންކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާނީ ޕޮލިސް ބޯޑުންނެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ ބާރު އަދިވެސް އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.