
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް، ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން އައްޔަން ކުރެއްވީ، މި މަހުގެ 20 ވަނަ ދުވަހުއެވެ.
ފަހުމީ މަގާމުން ވަކިކުރެއްވިކަން ރަސްމީކޮށް ރައީސް އޮފީހުން ހާމަ ނުކުރެއްވި ނަމަވެސް، ރައީސް އޮފީހުގެ ވެބްސައިޓުގައި ސްޓޭޓް މިނިސްޓަރުންގެ މައުލޫމާތު ހިމެނޭ ބައިގައި ފަހުމީގެ ޕްރޮފައިލެއް މިހާރަކު ނެތެވެ. މަގާމުތަކަށް އައްޔަން ކުރެވޭ އިސް މީހުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ހުރެއެވެ. އެ ބައިގައި ފަހުމީގެ މައުލޫމާތެއް މިހާރަކު ނެތެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފަހުމީ މަގާމުން ވަކިކުރެއްވި ކަމުގެ މައުލޫމާތު ލިބިފައިވީނަމަވެސް އެކަމުގެ ތަފްސީލެއް ރަސްމީ ސިފައެއްގައި އަދި ނުލިބެއެވެ.
ފަހުމީ އެ މަގާމުން ވަކިކުރުމާއެކު ފަހުމީ ވެގެންދާނީ އާ ސަރުކާރުގެ ސިޔާސީ މަގާމުން ވަކިކުރެވުނު ފުރަތަމަ މީހާއަށެވެ.
މަގާމު ދެއްވިތާ ހަތަރު ދުވަސް ފަހުން ފަހުމީ މަގާމުން ވަކިކުރެއްވިއިރު ފަހުމީ ވަކިކުރުމަށް ގޮވާލާ ސޯޝަލް މީޑިއާ ގައި ބަޔަކު ޝުއޫރުފާޅު ކޮށްފައިވެއެވެ.
ސިވިލްސާވިސް ކޮމިޝަންގެ ރައީސަކަށް ހުންނެވި ދުވަސްވަރު ފަހުމީގެ މައްޗަށް އަންހެން މުވައްޒިފަކަށް / މުވައްޒިފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އޮވެ އެވެ.