
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕޮލިސް ބޯޑްގެ ބައެއް މެންބަރުން ވަކިކުރައްވައި، ޕޮލިސް ބޯޑަށް މެންބަރުން އައްޔަންކުރަށްވާފައިވަނީ، މި މަހުގެ 23 ވަނަ ދުވަހުއެވެ.
މި ބޯޑަކީ 7 މެންބަރުންގެ މައްޗަށް އެކުލެވިފައިވާ ބޯޑެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 2 މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މެންބަރުންގެ އިތުރުން އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މެންބަރުން ހިމެނެއެވެ.
ޕޮލިސް ބޯޑަށް އާ މެންބަރުން ޢައްޔަނުކުރެއްވުމާއެކު އެ ބޯޑުގައި ހުސްވެފައިވާ ޗެއާޕާސަންއާ ނައިބުގެ މަގާމަށް ބޭފުޅުން އައްުޔަންކުރުމަށް އެ ބޯޑުގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުން ޗެއާޕާސަަން ކަމަށް ޝަރީފް، އަދި ނައިބަކަށް ނޫރާ އައްޔަންކުރުމަށް މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ޝަރީފްއާއި ނޫރާއަކީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޕޮލިސް ބޯޑަށް އައްޔަންކުރެއްވި ދެ ބޭފުޅުންނެވެ.
ޕޮލިސް ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުން:
• އަހްމަދު ޝަރީފް - ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރު
• އާއިޝަތު ނޫރާ މުޙައްމަދު - ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރު
• އަލްއުސްތާޒު އަލީ ނަސީރު ގާސިމް - ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
• އަހްމަދު އަޒީމް - ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
• އަޙްމަދު ސައުދީ - ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
• ހާމިދު އަބްދުލްގަފޫރު - އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު
• އަލްއުސްތާޒާ ސަފާ ޝަރީފް - އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު
ޕޮލިސް ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ފުލުހުންގެ ހިދުމަތާ ގުޅޭގޮތުން ގާނޫނުތަކާ، ގާނޫނުއަސާސީގައި ބަޔާންވެފައިވާ އުސޫލުތަކުގެ މަތިން ފުލުހުންގެ ހިދުމަތްދޭތޯ ބެލުމާއި،ފުލުހުން އަމަލުކުރަމުންދާ އުސޫލަކަށް ގެންނަންޖެހޭ ބަދަލަކާމެދު ލަފާ ދިނުން ހިމެނެއެވެ. އަދި ފުލުހުންގެ ހިދުމަތުން އެއިރަކަށް ހާސިލްކުރުމަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ހާސިލްވޭތޯ ބަލައި، ފުލުހުންގެ ހިދުމަތް އިތުރަށް ފުރިހަމަ ކޮށް ހަރުދަނާ ކުރުވުމަށް ކުރެވެން ހުރި ކަންކަން ބަލާ ބޯޑަށް ފެންނަ ލަފާ ދިނުންވެސް ހިމެނެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާގޮތުން ޕޮލިސް ބޯޑުގެ މެންބަރުންނަކީ ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ މީހަކުކަމުގައި ވެގެން ނުވާނެއެވެ. އަދި ޕޮލިސް ބޯޑަށް އައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ، 4 އަހަރު ދުވަހެވެ.