
އެކްޓިން ކޮމިޝަނަރަކަށް ފަރުހާދު ހަމަޖެއްސީ ޕޮލިސް ބޯޑުގެ ލަފާގެ މަތިން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާންވަނީ ވިދާޅުވެފައެވެ. އެކްޓިން ކޮމިޝަނަރަކަށް ފަރުހާދު ހަމަ ޖައްސާފައިވަނީ ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު އައްޔަން ކުރެވެންދެނެވެ.
އެކްޓިން ކޮމިޝަނަރަށް ހަމަޖެއްސި ފަރުހާދަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވައިލި ޕޮލިސް ބޯޑުން އޯގަސްޓު 10، 2021 ގައި ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމި ހަތް ބޭފުޅުން ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ޕޮލިސް ބޯޑުން އެ ބޭފުޅުން ވަކިކުރަން ނިންމީ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓް އިން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބެލި މައްސަލައިގެ ތެރެއިންނެވެ. އެކަމަކު، ފަރުހާދު ވަކިކުރީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމައިފަ އެވެ.
ފުލުހުންގެ ހިދުމަތުގެ ގާނުނުގައިވާ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެ ނަމަ، އެ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި މަގާމަށް ބޭފުޅަކު އައްޔަންކުރަންޖެހެ އެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެނީ ޕޮލިސް ބޯޑުން އެ ބޭފުޅެއްގެ މައުލޫމާތުތައް ވަޒަންކޮށް، ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.