ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެފަހުގެ ޑެއިލީ ރިޕޯޓުގައިވާ ގޮތުގައި މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 1،274 ފެސިލިޓީއަކުން 63،085 އެނދު ވަނީ ފަތުރުވެރިކަމަށް ނެރެފަ އެވެ.
މިދިޔަ އަހަރުގެ ނިޔަލަށް ފަތުރުވެރި ކަމަށް ނެރެފައިވާނީ ޖުމްލަ 59،625 އެނދު ކަމަށް އެ މިިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަހަރުގެ މިހާތަނަށް ފަތުރުވެރި ކަމަށް އިތުރު 3،460 އެނދު ނެރެވިފައިވެ އެވެ.
ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު:
• 175 ރިސޯޓު - 42،817 އެނދު
• 14 ހޮޓެލް - 1،940 އެނދު
• 922 ގެސްޓް ހައުސް - 15،120 އެނދު
• 163 ސަފާރީ - 3،208 އެނދު
ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު އިތުރުވެފައިވާއިރު، ފަތުރުވެރިކަމަށް ރަޖިސްޓްރީކޮށް، އޮޕަރޭޝަނަށް ގެނައުމަށް ތައްޔާރުވަމުންދާ އެނދުގެ އަދަދު ވަނީ 63،951 އަށް އަރާފަ އެވެ. ފަތުރުވެރިކަމަށް ގިނަ އެނދުތަކެއް އިތުރުވެފައިވާއިރު، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައިކަން ފާހަގަ ކުރެވެ އެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، 13.1 އިންސައްތަ އިތުރު އަދަދެކެވެ. މި އަހަރަށް ސަރުކާރުން އަމާޒު ހިފާފައި ވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.