ޑރ. ޖަމީލް ޕީޕީއެމުން ވަކިވެވަޑައިގެންނެވިއިރު، އެމަނިކުފާނު ވަނީ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމަށްފަހު ޕީޕީއެމްގެ ހިންގުން ހުއްޓުވާފައި ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރައީސް އަބްދުﷲ ޔާމީނާ މެދު އަމަލުކުރެއްވުމަށް ވައުދުވެވަޑައިގެންނެވި ގޮތަށް އެކަން ކުރިއަށް ނުގެންދަވާ ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ގާނޫނީ ވަކީލު، ޑރ. ޖަމީލު ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވާފައިވާ ކަމަށް އިއުލާނު ކުރައްވާފަ އެވެ. އެ ޕާޓީ އުފެއްދުމަށް ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް މާދަމާ ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.
ޕީޕީއެމް އުފެދުނުތާ ކުރީކޮޅު ޕީޕީއެމް އާ ގުޅިވަޑައިގެންނެވި ޑރ. ޖަމީލަކީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރެއްވިއިރު އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި ފަރާތެވެ. އެހެންނަމަވެސް، ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ނިންމައި ހައްޔަރުކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާ އެކު ޑރ. ޖަމީލު ވަނީ ރާއްޖޭން ބޭރަށް ވަޑައިގެންފަ އެވެ. އަދި އޭރު އޮތް ސަރުކާރާ ދެކޮޅަށް އިދިކޮޅުގައި ހަރަކާތްތެރިވަމުން އައި ޕާޓީތައް އެކުވެގެން އުފެއްދި ކޯލިޝަނުގެ ލީޑަރަށް ވެވަޑައިގަތުމަށް އޭނާ ޕީޕީއެމުން ވަކިވެވަޑައިގެންނެވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރައީސް ޔާމީން ހައްޔަރުކުރުމާ ގުޅިގެން ރައީސް ޔާމީނާ އެކު އޮތް ގުޅުން ބަދަހިކުރައްވާ އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ޑރ. ޖަމީލު ފެއްޓެވި އެވެ. އަދި އެ ދުވަސްވަރު އަލުން ޕީޕީއެމް އާ އޭނާ ވަނީ ގުޅިވަޑައިގެންފަ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި، ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޖަމީލު ހަމަޖެއްސެވި ނަމަވެސް، އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާ އެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަކުރައްވާ ކާމިޔާބު ހޯއްދަވާފައި ވަނީ ރައީސް ޑރ. މުއިއްޒެވެ.