އެޑިޔުކޭޝަން މިނިސްޓަރު މަޖިލިހަށް ހާޒިރުކޮށް، މިކަމާ ބެހޭގޮތުން ސުވާލު ކުރެއްވުމަށް ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.
މިއީ އާ ސަރުކާރުގެ މިނިސްޓަރަކާ ސުވާލުކުރުމަށް މަޖިލިހުގެ ތަޅުމަށް ހާޒިރުކުރަން ހުށަހެޅި ފުރަތަމަ ފަހަރެވެ.
ރޮޒެއިނާ މިއަދު ވިދާޅުވެފައި ވަނީ މިނިސްޓަރު މަޖިލިހަށް ހާޒިރުކުރަން ހުށަހެޅުއްވީ 2025 ވަނަ އަހަރުގެ ސްކޫލުތަކުގެ ދިރާސީ އަހަރު ޖެނުއަރީ މަހަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާތީ، އެ ބަދަލާ އެކު ދަރިވަރުންގެ ކިޔެވުމަށް ކުރާނެ އަސަރުތަކާ މެދު ބެލެނިވެރިންގެ ކަންބޮޑުވުންތައް ހުރުމުން ކަމަށެވެ. އޭގެ އިތުރުން މިހާރު ހިނގަމުންދާ ދިރާސީ އަހަރު، އަންނަ އަހަރުގެ ޖޫން މަހު ނިމޭއިރު، އެ ތާރީހާއި އަލަށް ފެށުމަށް ހަމަޖެހިފައިވާ ދިރާސީ އަހަރާ ދެމެދު ހޭދަވާ މުއްދަތުގައި ދަރިވަރުންގެ ކިޔެވުމާ ގުޅިގެން މިނިސްޓްރީން ވިސްނާ ގޮތަކީ ކޮބައިކަން އޮޅުން ފިލުވަން ކަމަށް ވެސް ރޮޒައިނާ ވިދާޅުވެ އެވެ.
ދިރާސީ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފަށާގޮތަށް ބަދަލުކޮށްފައި ވަނީ ނިމިދިޔަ ސަރުކާރުންނެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ކުރިން އޮތް ގޮތަށް ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.