ހަބީބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާއިން، ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި އީސީއަށް ހުށަހަޅާ ފަރާތްތަކުގައި ހަމަވާން ޖެހޭ ޝަރުތުތައް ބަޔާންކުރައްވާފަ އެވެ.
ހަބީބުގެ ޕޯސްޓުގައި ބަޔާންކޮށްފައިވާ ޝަރުތުތައް:
- ދިވެހި ރައްޔިތަކަށްވުން
- ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައިވުން
- އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުން
- އެމީހެއްގެ މައްޗަށް ޝަރުއީ ހުކުމެއް ތަންފީޒު ކުރެވެމުންދާ މީހެއް ކަމުގައި ނުވުން
- އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުން
- ސާބިތު ދަރަންޏެއް ދައްކަމުން ނުދާ މީހެއް ކަމުގައި ނުވުން
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޭނާގެ މައްޗަށް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރު ދުވަސް ވެފައިވުން
- މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ކުޑަކުދިންނާ ބަދުއަހުލާގީ އަމަލު ހިންގިކަން އެއްވެސް އިރެއްގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
- ސިޔާސީ ޕާޓީއެއްގައި އުޅުން މަނާ މީހަކު ކަމުގައި ނުވުން
މި ކަންކަމުގެ އިތުރުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފުތަރުގައި ރަޖިސްޓަރީކުރާ ޕާޓީއެއްގެ ނަމާއި ނިޝާނާއި ސިއްކަ އާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި، އެ ދަފުތަރުގައި ކުރިން ރަޖިސްޓަރީކޮށްފައިވާ އެހެން ޕާޓީއެއްގެ އެފަދަ ކަންކަން ރަމްޒުކޮށްދޭ އެއްޗެއްސާ އެއްގޮތްވެގެން ނުވާނެ ކަމަށް ހަބީބު ވަނީ ވިދާޅުވެފަ އެވެ.
ހަބީބު މިފަދައިން ވިދާޅުވެފައި މި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކޮށްފައި ވަނިކޮށެވެ.
ރައީސް ޔާމީނަކީ މިހާރުވެސް ދެ މައްސަލައެއްގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތަކަށް ވުމާ އެކު، މިވަގުތު އެމަނިކުފާނަށް ސިޔާސީ ޕާޓީއެއް ހެދުމުގެ ފުރުސަތެއް ނެތެވެ. އެހެންނަމަވެސް ރައީސް ޔާމީން އިސްވެ ހުންނަވައި އާ ޕާޓީއެއް އުފައްދަވަން މާދަމާ އީސީއަށް ހުށަހަޅުއްވާނެ ކަމަށް އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ މިނިސްޓަރު މަލީހް ޖަމާލް ވަނީ ވިދާޅުވެފަ އެވެ.