
ރައީސް ޔާމީން އުފައްދަވާ ސިޔާސީ ޕާޓީގެ ނަމާއި ލޯގޯ އަދި ސޯޝަލް މީޑިއާ އެކައުންޓްތައް މިރޭ 9:40ގައި ޢިއުލާން ކުރެވޭނެ ކަމަށް ހާމަ ކުރެއްވީ، އެ މަނިކުފާނު އުފައްދަވާ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ވަޒީރު މަލީހް ޖަމީލްއެވެ. މަލީހް އެކަން އާއްމު ކުރެއްވީ މިރޭ ސޯޝަލް މީޑިއާގައެވެ.
ޔާމީން އުފައްދަވާ ޕާޓީން މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކަމަށް، ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިރޭވަނީ ވިދާޅުވެފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް ދޫކޮށްލަވައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވައި އެކަމުގެ މަސައްކަތް ފަށްޓަވާފައިވަނީ އިހައްރޭ ގައެވެ.
ރައީސް ޔާމީން އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ އާ ޕާޓީއާ ގުޅޭ ގޮތުން، އަދަދު ނޫހުގެ ޕްރޮގްރާމެއްގައި ރޭ ސުވާލު ކުރުމުން ޑރ. ޖަމީލް ވިދާޅުވީ، އެ ޕާޓީން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކަމަށެވެ. އެކަމުގެ މާ ބޮޑު ތަފްސީލެއް އެކަމަކު ޖަމީލް ނުދެއްވައެވެ.