
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ރޭ ބޭއްވި ބައްދަލުވުމެއްގައި ވަނީ މި ސަރުކާރުގެ ކެބިނެޓުގެ ފަސް ވަޒީރަކަށް ރުހުން ނުދިނުމަށް މަޝްވަރާކޮށްފަ އެވެ. އެތަނުން ދެ ވަޒީރަކަށް ރުހުން ނުދިނުމަށް ޕީޖީ ގުރޫޕުން އިއްތިފާގުވެ އެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މިހާރު އޮތީ ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގަ އެވެ.
މީގެ އިތުރުން އެ ބައްދަލުވުމުގައި އެ ޕާޓީން ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަދަލުތަކެއް ގެނައުމާ މެދުވެސް މަޝްވަރާކޮށްފަ އެވެ.
މަޖިލިހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް ހުށައަޅަން ފެންނަ ބަދަލުތަކުގެ ތެރޭގައި ފުށި ދިއްގަރު ހިއްކުމަށް ހިމަނާފައިވާ 400 މިލިއަން ރުފިޔާ އެހެނިހެން ހައުސިން މަޝްރޫއުތަކަށް އެލޮކޭޓުކުރުން ހިމެނެ އެވެ. ގިނަ މެންބަރުން ވިދާޅުވެފައި ވަނީ އެ މަޝްރޫއަށް ދައުލަތުން ބޮޑު ހޭދައެއް ކުރަން ނުޖެހޭނެ ގޮތެއް ހޯއްދަވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވުމާ އެކު އެވަރުގެ އަދަދެއް އެކަމަށް ހޭދަ ކުރުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށެވެ.
މަޖިލިހުގައި އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ 55 މެންބަރުން ތިއްބަވާއިރު، ވަޒީރަކަށް ރުހުން ނުދިނުމުގެ ބާރު އެމްޑީޕީއަށް އޮވެ އެވެ.