ރައީސް ޔާމީން އިސްކޮށް ހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ އިރު، އެމަނިކުފާނު ހުންނެވީ ޖަލު ހުކުމެއްގަ އެވެ. މި މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލު ކުރީގެ ނައިބު ރައިސާއި އޭނާއަށް ބޮޑު ބޭބެ ވިދާޅުވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
ޔާމީން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ މަނިކުފާނު ރައީސްކަން ކުރައްވަމުން ގެންދެވި ޕީޕީއެމް އިން ވަކިވެވަޑައިގެންފަ އެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުމުގެ ހުއްދައަށް އެދި އީސީއަށް މިއަދު ހުށަހެޅުމަށް ކަމާ ގުޅޭ ލިޔުންތަކާ ހަވާލުވެވަޑައިގަތީ އީސީގެ ރައީސް ފުއާދު ތައުފީގު އެވެ.
ރައީސް ޔާމީނާ އެކު މަސައްކަތް ކުރާ ޓީމުން ރޭ ވަނީ އެމަނިކުފާނުގެ އާ ޕާޓީގެ ނަމާއި، ލޯގޯ އަަދި ކުލަ އިއުލާންކޮށް އެ ޕާޓީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވެސް އެކްޓިވްކޮށްފަ އެވެ.
ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދަވަން ނިންމަވާފައިވާކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު އެވެ. އެގޮތުން ޖަމީލް ވިދާޅުވީ، ލީޑަރޝިޕްގެ ބޭފުޅުން ޔާމީން އާއި އެއްވެސް ކަމެއްގައި މަޝްވަރާ ނުކުރައްވާ ކަމަށާއި އެބޭފުޅުން ޔާމީން އާއި ދުރަށް ޖެހިވަޑައިގެންފައިވާ ކަމަށެވެ. އަދި ރައީސް، މުއިއްޒު ވެރިކަމަށް ހޮވިވަޑައިގަތްފަހުން ޔާމީން ގުޅުއްވުމުން ފޯނު ވެސް ނުނަންގަވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ވަނީ ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރުމުން ދުރަށް ޖެހިވަޑައިގަނެފަ އެވެ. ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ސަރުކާރުގެ ދިފާއުގަ އެވެ.
ޔާމީނުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މި ޕާޓީއާއެކު ނުކުމެ ކާމިޔާބު ކުރުމެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ނިމިފައިވާ އިރު، އެ މައްސަލަ މިހާރު އޮތީ ހުކުމަކާ ހިސާބުގަ އެވެ.
އެ މަނިކުފާނު ޖަލަށްލާފައި ވަނީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ މައްސަލައެއްގައި ކުށް ސާބިތުވެ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމަކެވެ.
ސިޔާސީ ޕާޓީގެ ގަވައިދުގެ ހަވަނަ މާއްދާގެ (ހ)ގެ ހަތަރުވަނަ ނަންބަރުގައި ބުނެފައިވަނީ އެމީހެއްގެ މައްޗަށް ޝަރުއީ ހުކުމެއް ތަންފީޒުކުރެވެމުންދާ މީހަކަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅުމުގެ ފުރުސަތު ނެތް ކަމަށެވެ. މި ސަބަބަށްޓަކައި ޔާމީނަށް އުފައްދަވާ އާ ޕާޓީގައި އެމަނިކުފާނުގެ ދަރިކަލުން ޒެއިން އަބްދުﷲ ބައިވެރިވުން ބޮޑުވުން ގާތެވެ.