
އަބްދުއްރަހީމް މިހެން ވިދާޅުވެފައިވަނީ ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން އެވެ. އެމަނިކުފާނާއި ރައީސް ޔާމީނާ ޖެހެން ޖެހޭ މައްސަލައެއް ނޯންނާނެ ކަމަށާ އަދި ލީޑާޝިޕާ ރައީސް ޔާމީނާ ޖެހެން ޖެހޭ މައްސަލައެއްވެސް ނޯންނާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ކުރަމުން ދިޔައީ ރައީސް ޔާމީނުގެ ލަފާފުޅާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގައި އޮތީ އެމަނިކުފާނު ވިދާޅުވި ގޮތަކަށް މަސައްކަތް ކުރަމުން އައި ލީޑާޝިޕެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ ލީޑާޝިޕްގެ ބޭފުޅުންނާ އެކު ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި އެ ދެ ޕާޓީ އެކުވެގެން މަސައްކަތް ކުރުމާ މެދު ވެސް މަޝްވަރާ ކުރެވިފައިވާ ކަމުގަ އެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެއް ޕްރިމަރީއެއް ބާއްވާ ކެންޑިޑޭޓުން ހޮވައިގެން ކުރިއަށް ދިއުމާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އެ މަޝްވަރާގައި ލީޑާޝިޕް ފަސް ބޭފުޅުންނާއި ރައީސް ޔާމިނާ އެއްބަސްވެވަޑައިގަތުމުގެ މަތިން އިއުލާނުތައް ކޮއްފައި ވާނެ ކަމަށެވެ. މިހެން ކަންކަން ހުރުމުން މައްސަލަ ޖެހެން ޖެހޭ ސަބަބެއް އޮތް ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.