
މާފުށީ ޖަލުގައި ބޭއްވުނު ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީން ޕްރޮގްރާމުގެ 28 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮއްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މުއައްސަސާއެއްގެ އެންމެ ބޮޑު އެއް ރައުސުލްމާލަކީ މުއައްސަސާއަކުން ތަމްރީނުކުރާ އޮފިސަރުން ކަމަށެވެ. އެއިރެއްގައި ދެވެން އޮންނަ އެންމެ މޮޅު ތަމްރީނެއް އެ މުއައްސަސާއެއްގައި ތިބޭ އޮފިސަރުންނަށް ދެވޭތޯ ބައްލަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިހުސާން ވިދާޅުވެފައި ވަނީ އެ ތަމްރީނުކުރާ އޮފިސަރުންނަކީ، ވަކި ގޮތަކަށް ބައްޓަންކުރެވި، އިސްލާމް ދީނަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި، ގައުމާ ދޭތެރޭ ވަކި ގޮތަކަށް ދެކޭ، ގާނޫނު ނެގެހެއްޓުމުގެ ފުރިހަމަ ގާބިލުކަން ލިބިފައިވާ ބަޔަކަށް ހަދަން ޖެހޭ ކަމަށެވެ.
އަމާޒަކީ އަސާސީ ތަމްރީނަށް ފަހު ކޮންމެ މުއައްސަސާއެއްވެސް އެ މުއައްސަސާތަކުގެ ބޭނުމަށްޓަކައި މުއައްސަސާގެ ހާއްސަ ތަމްރީން އެހިސާބުން ހެދިގެންދާ ގޮތަށް ބައްޓަން ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަސާސީ ތަމްރީނު ފުރިހަމަކޮށް ހުވާ ކުރި ޕްރިޒަން އޮފިސަރުންނާ މުހާތަބު ކުރައްވާ އިހުސާން ވިދާޅުވި ގޮތުގައި ހުވާ ކުރަނީ ވަރަށް މާތް މަގުސަދެއްގައި ކަމުގަ އެވެ. އެގޮތުން ކުރާ ހުވައަކީ ގައުމީ ހިދުމަތަށް ނުކުމެ ކުރާ ބުރަ މަސައްކަތާއި އެކަމުގެ ވާޖިބު އަދާކުރާނެ ކަމުގެ ހުވައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ހުވައެއް ކޮށްގެން ގައުމީ ހިދުމަތަށް ނުކުންނަ އޮފިސަރެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތައް ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ތަމްރީން ކުރެވި ހުވާ ކުރުމާ ހިސާބަށް އެ ސިފަތައް ދެމެހެއްޓުނު ނަމަވެސް ވަކި ހިސާބަކުން އެ ސިފަތައް އެމީހެއްގެ ކިބައިން ނެތިދާތަން ފެންނަ ކަމަށް އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވެފައި ވަނީ ކިތަންމެ ވަރަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްފައި މުއައްސަސާގައި އޮންނަން ބޭނުންވެ ވަޑައިގެންނެވި ނަމަވެސް ގަބޫލުކުރަން ޖެހޭ ހިތާމަވެރި ހަގީގަތަކީ މުއައްސަސާގެ ސަލާމަތާއި ރައްކާތެރިކަމަށް ކަނޑައެޅިފައިހުރި ބައިވަރު އުސޫލުތަކާއި ހަމަތައް މުގުރާލާފައި ތަމްރީން ކުރެވި ހުވާކުރެވިފައި ތިބޭ އޮފިސަރުންގެ އެ ހުވަޔާއި ހިލާފަށް އެ ބޭބޭފުޅުން ބޭނުންކުރައްވައިގެން އުސޫލުތައް ނައްތާލާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ދާހިލީ ސަލާމަތަށް ބުރޫ އަރާފައިވާކަން ކަމަށެވެ. އެފަދަ ކަމެއްގައި ބައިވެރި ނުވުމަށް މިނިސްޓަރު ވަނީ ޕްރިޒަން އޮފިސަރުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.