އަލީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ މުރަކަ އާލާ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާކަން ސާބިތުވާތީ ޖޯލި ރިސޯޓް ޖޫރިމަނާކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށާއި ޖޫރިމަނާކޮށް ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަލީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާ ކަމަށް އީޕީއޭއިން ބުނެ އެވެ.
އީޕީއޭއިން ބުނީ ރިސޯޓުގައި މުރަކަ އިންދާ އާލާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތް، ބަލާ މައުލޫމާތު އެއްކުރި އިރު ލިބުނު މައުލޫމާތާއި ރިސޯޓުން ހިއްސާކޮށްފައިވާ ލިޔުންތަކާއި އަދި ޓޫރިޒަމް މިނިސްޓްރީން ހޯދި މައުލޫމާތުން އެނގޭ ގޮތުން މި މަސައްކަތް ފަށާފައިވަނީ އީއައިއޭ ނުހަދާކަން އެނގޭ ކަމަށެވެ.
ޖޯލި ރިސޯޓްގައި މުރަކަ އާލާކުރުމަށް މިހާރުކޮށްފައިވާ މަސައްކަތާއި އެ މަސައްކަތާއި ގުޅިގެން އެރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ބެލުމަށްފަހު އެކަމާ ގުޅޭ ރިޕޯޓެއް ހަދައި އެއްމަސް ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހުށަހެޅުމަށް އަލީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ވަނީ އަންގާފަ އެވެ.