ads
އީސީން ކުރިއަށްގެންދިޔަ ޕްރެސްއެއްގެ ތެރެއިން: ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ މިރޭ އިއުލާނުކުރުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައި - ފޮޓޯ:އީސީ
ރޯދައިގެ ފަހަށް މަޖިލިސް އިންތިހާބު ލަސްކުރަން ދަތި: އީސީ
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިން ލަފާޔާ އެއްގޮތައް އެކަންކުރުން ދަތިކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.
Advertisement

މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28ގައެވެ. ގާނޫނު ބުނާ ގޮތުގައި، ހިނގަމުން މިދާ ދައުރު ނިމެން 120 ދުވަހަށް ވުމާއެކު، 10 ދުވަހުގެ ތެރޭގައި އިންތިހާބަށް ހުޅުވާލަން ޖެހެ އެވެ. އިންތިހާބަށް ކުރިމަތިލާން 14 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. އަދި، އިންތިހާބަށް ކުރިމަތިލާ މީހުން އިއުލާނުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ން ކޮމެޓީއަށް ހުށަހަޅާފައި ވަނީ، ރޯދަ މަހުގެ ކުރިން އިންތިހާބުގެ ކަންކަން ކުރިއަށް ގެންގޮސް ނިންމާލުމަށެވެ. އެއީ، ގާނޫނު ބުނާ ޓައިމްލައިނަށް ބަލާއިރު އިންތިހާބު ބޭއްވޭނެ އެންމެ އަވަސް ތާރީހަކީ އަންނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހަށް ވާތީ އެވެ. އެއީ ރޯދަ މަސް ތެރެ އެވެ.

މިކަމަށް ހައްލެއް ގެނައުމަށް އީސީން ވަނީ އިންތިހާބު ބާއްވަން ގާނޫނުގައި ބުނާ މުއްދަތުތަަކަށް ބަދަލު ގެންނަން 2 ގޮތެއް ހުށަހަޅާފަ އެވެ.

އެއް ގޮތަކީ ކެންޑިޑޭޓުންގެ ލިސްޓު އިއުލާނުކުރުމަށްފަހު ވޯޓުލުމާ ދޭތެރޭ ދޭން ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކުރުމެވެ. އެގޮތަށް ބަދަލުކޮށްފި ނަމަ، ރޯދަ މަސް ފެށުމުގެ ދެ ދުވަސް ކުރިން އިންތިހާބު ބޭއްވޭނެ އެވެ. އެއީ މާޗް ނުވަވަނަ ދުވަހެވެ.

ދެވަނަ ގޮތަކީ އިންތިހާބު އިއުލާން ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައި 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރުކުރުމެވެ. އޭރުން އަވަހަށް އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީއަށް ފެއްޓޭނެ އެވެ.

އީސީ އިން ހުށަހެޅި ކަންކަމާމެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި، ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހަޅުއްވާފައި ވަނީ ގާނޫނު ބުނާ މުއްދަތަށް ބަލާއިރު އިންތިހާބު ބޭއްވެން އޮތް އެންމެ ފަހުގެ ތާރީހެއްގައި ބޭއްވުމަށެވެ. 

އެ ތާރީހަށް ބަލާއިރު އެއީ ރޯދައިގެ ފަސްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އެ ހުށަހެޅުން މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. 

ކޮމިޓީގެ ނިންމުމާއި ގުޅޭ ގޮތުން މިއަދު އިލެކްޝަންސް ކޮމިޝަނުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ރޯދަ މަހުގެ ކުރިން އިންތިހާބު ބޭއްވޭނެ ގޮތްތަކެއް މަގު ފަހިކުރުމަށް މަޖިލީހުގެ ކޮމިޓީގެ ލަފައަކަށް އެދުނީ، އޭގެ ފަހުން އިންތިހާބު ބާއްވާ ނަމަ ކެމްޕެއިން ކުރުމަށް އޮންނަ މުއްދަތު ރޯދަ މާހާ ދިމާވެ، ރޯދަ މަސް ތެރޭ އެކަން ކުރުމަށް ކެންޑިޑޭޓުންނަށް ވެސް އުނދަގޫތަކާ ދިމާވާނެތީ ކަމަށެވެ. 

ރޯދަ މަސް ފަހުން އިންތިހާބު ބާއްވާ ނަމަ، ވޯޓުލާ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް މަދުވާނެ ކަމުގެ ކަންބޮޑުވުން ވެސް ހަބީބު ފާޅުކުރެއްވި އެވެ. އެއީ ރޯދަ މަހަށް ފަހު ދެން ދިމާވަނީ ޗުއްޓީތަަކަކާ ކަމަށް ވުމުންކަން ފާހަގަކުރައްވައި ހަބީބު ވަނީ، ކޮމިޓީގެ ލަފާ އެ ގޮތަށް އަޔަސް އެ ތާރީހުގައި މަޖިލިސް އިންތިހާބު ބޭއްވުމުގައި ދަތިކަމަށް ވިދާޅުވެފަ އެވެ.

ކޮމިޓީން ލަފާދިން ނަމަވެސް އިންތިހާބު ބޭއްވުމުގެ ތާރީހް ކަނޑައެޅުމުގެ އިހްތިޔާރު އޮންނަނީ އިލެކްޝަންސް ކޮމިޝަން އަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް