މާޒިޔާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި މިއަދު މެޗުގައި ބަޝަންދުރާ ކިންގްސްގެ ކެޕްޓަން ރޮބްސަންއަށް ކުޅެވޭނެ ކަމާމެދު ޝައްކު އުފެދުނީ އޭނާއަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެންނެވެ.
މިއަދުގެ މެޗުގެ ޕްރީމެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން، ބަޝަންދުރާ ކިންގްސްގެ ކޯޗު އޮސްކާ ބްރޫޒޮންވަނީ ރޮބްސަންގެ އިންޖަރީގެ ވާހަކަ ފާހަގަކޮށްފައެވެ. އޮސްކާ ބުނި ގޮތުގައި މިއަދުގެ މެޗުގައި ރޮބްސަންއަށް ކުޅެވޭނެ ކަން ޔަގީނެއް ނޫނެވެ.
މާޒިޔާއާ ބަޝަންދުރާ ކިިންގްސް ކުޅޭ މެޗު ފެށޭނީ މިއަދު ރާޢްޖޭ ގަޑިން ހަވީރު ފަހެއް ޖަހާއިރުއެވެ. މެޗު ކުޅޭނީ ބަޝަންދުރާ ކިންގްސްގެ އަމިއްލަ ދަނޑުކަމުގައިވާ ކިންގްސް އެރީނާގައެވެ.
އޭއެފްސީ ކަޕުގައި މާލޭގައި ބަޝަންދުރާ ކިންގްސްއާ މާޒިޔާ ކުޅުނު މެޗުން މޮޅުވީ މާޒިޔާއެވެ. އެއީ މި ފަހަރުގެ މުބާރާތުގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗުން މޮޅުވިނަމަވެސް އޭގެ ފަހުން ކުޅުނު ތިން މެޗުންވެސް މާޒިޔާވަނީ ބަލިވެފައެވެ. އަދި މުބާރާތުގައި ކުރިއަށް ދިޔުމުގެ ފުރުސަތު މާޒިޔާއަށްވަނީ ގާތްގަނޑަކަށް ބަންދު ވެފައެވެ.