
ގާނޫނުއަސާސީގައިވާ ގޮތަށް ކެބިނެޓް މިނިސްޓަރުންނަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާއިރު، އެ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީން ވަނީ ފަށައިފަ އެވެ.
މަޖިލީހަށް ނަން ހުށަހެޅި ކެބިނެޓްގެ ތެރެއިން ބޭރު ގައުމެއްގެ ރަށްވެއްސެއްގެ ގޮތުގައި މީގެ ކުރިން ހުންނެވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އެވެ. ނަމަވެސް ކެބިނެޓް މަގާމަށް ވަޑައިގަތުމަށް އޭނާ، ނިއުޒީލެންޑުގެ ރަށްވެހިކަން ދޫކޮށްލިކަން މި ނޫހަށް ވަނީ ކަށަވަރުވެފަ އެވެ.
ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ ވަރަށް ގިނަ ދުވަހު ރާއްޖޭން ބޭރުގައި ދިރިއުޅުއްވާފައިވާ ދެތިން ބޭފުޅުން މިނިސްޓަރުންގެ ގޮތުގައި އެބަ ތިއްބެވި ކަމަށާއި އެ ބޭފުޅުންގެ އަތުގައި އެހެން ގައުމެއްގެ ޕާސްޕޯޓް އޮވެދާނެ ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.
މި މައްސަލާގައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ނަސީމު ހުށަހެޅުއްވީ، އެހެން އިދާރާއަކުން އެ މައުލޫމާތު ނުލިބޭ ނަމަ ސީދާ ރައީސް އޮފީހުން އެ މައުލޫމާތު ހޯދުމަށް އެދުމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ވަޒީރުން އައްޔަންކުރައްވަނީ ރައީސް ކަމަށް ވާތީ ކަމަށެވެ.
އެ ހުށަހެޅުމަށް މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވަނީ ތާއީދުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، އެހެން ގައުމެއްގެ ރަށްވެހިކަން އޮންނަ ފަރާތަކަށް ވަޒީރުކަން ނުކުރެވޭނެކަން ގާނޫނުގައި ބުނާއިރު އެކަން މަޖިލީހުން ސާފުކުރަން ޖެހޭނެ ކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމުގައި އެ ފަރާތްތައް އިންޓަވިއުކޮށް މައުލޫމާތު ނުހޯދޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއް އޮތުމުން، ކޮމިޓީން މިއަދު ނިންމީ މިނިސްޓަރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ރައީސް އޮފީހަށް ހުށަހަޅައިގެން މިނިސްޓަރުންގެ ރަށްވެހިކަމާ ގުޅޭ މައުލޫމާތު ސާފުކުރުމަށެވެ.
ގާނޫނުއަސާސީގެ 130 ވަނަ މާއްދާގެ (ހ)ގައި ވަނީ ވަޒީރުންގެ ހުރުން ލާޒިމުވާ ޝަރުތުތައް ކަނޑައަޅާފަ އެވެ. އެގޮތުން އެ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރުގައި ބުނެފައިވަނީ ދިވެހި ރައްޔިތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ދެވަނަ ނަންބަރުގައި ބުނެފައިވަނީ ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން ކަމަށެވެ.
އާ ސަރުކާރުގައި 22 މިނިސްޓްރީން ހިމެނެ އެވެ. އޭގެ ތެރޭގައި އާ މިނިސްޓްރީތައް ވެސް ހިމެނެ އެވެ.
1. މިނިސްޓްރީ އޮފް ޑިފެންސް - ދިފާއީ ވުޒާރާ
2. މިނިސްޓްރީ އޮފް ފޮރިން އެފެއާޒް - ހާރިޖީ ވުޒާރާ
3. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ - ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
4. މިނިސްޓްރީ އޮފް ފިނޭންސް - މާލީ ވުޒާރާ
5. މިނިސްޓްރީ އޮފް އެޑިޔުކޭޝަން - ތައުލީމީ ވުޒާރާ
6. މިނިސްޓްރީ އޮފް ހެލްތް - ސިއްހީ ވުޒާރާ
7. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ
8. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
9. އެޓާނީ ޖެނެރަލްގެ އޮފީސް - ބަންޑާރަ ނައިބުގެ އޮފީސް
10. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް - އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ
11. މިނިސްޓްރީ އޮފް ޓޫރިޒަމް - ފަތުރުވެރިކަމާ ބެހޭ ވުޒާރާ
12. މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް - އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
13. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
14. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ - މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ
15. މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް- ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ
16. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން - ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ
17. މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް - ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
18. މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ
19. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ- އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
20. މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާ - ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ
21. މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
22. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ.