ads
ޕީއެންއެފްއަށް ރައީސް ޔާމީންގެ ކުރީގެ ލޯޔަރު، އާސިފް ސޮއި ކުރައްވަނީ - ފޮޓޯ:ޕީއެންއެފް
ރައީސް ޔާމީނުގެ ކުރީގެ ލޯޔަރު އާސިފް ޕީއެންއެފް އާ ގުޅިއްޖެ
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކުރީގެ ލޯޔަރު އަދި ޕީޕީއެމްގެ ލޯޔަރުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އާދަމް އާސިފް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއިކުރައްވައިފި އެވެ.

އާސިފް ޕީއެންއެފްއަށް ސޮއި ކުރައްވާފައި ވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައި އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކުރީގެ ޕީޕީއެމް އޮފީހުގަ އެވެ. އޭނާ ވަނީ މި އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފަހު ދުވަސްވަރު ޕީޕީއެމް ދޫކުރައްވާ އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ. 

ޕީއެންއެފްއަށް ސޮއިކުރެއްވުމާ ގުޅޭގޮތުން އާސިފް، "ސީއެންއެމް" އަށް ވިދާޅުވީ އޭނާ އެ ޕާޓީ އާ ގުޅިވަޑައިގަތީ ރައީސް ޔާމީންގެ ހައްގުގައި އެމަނިކުފާނަށް އިންސާފު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.

ނިމިދިޔަ ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ރައީސް ޔާމީނަށް އިންސާފު ހޯއްދަވައި ދެއްވުމަށް އެދިވަޑައިގަތުމުން، ރިޔާސީ އިންތިހާބުން ކާމިޔާބީ ލިބިވަޑައިގެންނެވި ނަމަވެސް ނުވަތަ ނާކާމިޔާބީ އާ ކުރިމަތިލައްވަން ޖެހުނު ކަމުގައި ވީ ނަމަވެސް ޖެހިގެން އަންނަ ދުވަހު އެމަނިކުފާނު ގެއަށް ބަދަލުކޮށް ދެއްވައި އެހެނިހެން ލުއިތައް ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް އާސިފް ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައި ވަނީ ރައީސް ސޯލިހު، އެމަނިކުފާނުގެ ބަސްފުޅުގެ ތެދުވެރިކަން ދިވެހި ރައްޔިތުންނަށް ސާބިތު ކޮށްދެއްވައި، ރައީސް ޔާމީން ގޭބަންދަށް ދޫކޮށްލެއްވި ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނުގައި އަމަލީ ގޮތުން އެންމެ އިސް ސަފުގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ބައިވެރިވެވަޑައިގެންނެވި ކަމަށާއި ކެމްޕެއިން ކާމިޔާބުވެ، ވެރިކަން ލިބިވަޑައިގަތީ އެމަނިކުފާނުގެ ސަޕޯޓަރުންގެ ބޮޑު ތާއީދަކާއި އެ ފަރާތްތަކުގެ ހިތްވަރުން ކަމަށް ވެސް އާސިފް ވިދާޅުވި އެވެ. 

ރައީސް ޔާމީން މިނިވަންކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރައްވާ އާސިފް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން ރައީސް ޔާމީންގެ ފޯނު ކޯލްތަކަށް ޖަވާބު ނުދެއްވާ ކަމަށާއި ވެރިކަމާ ހަވާލުވުމަށްފަހުވެސް ރައީސް ޔާމީންގެ ބަންދަށް އަދި އެއްވެސް ކަމަކަށް ލުޔެއް ލިބިފައި ނުވާ ކަމުގަ އެވެ.

ރައީސް ޔާމީން އާ ޕާޓީއެއް އުފެއްދެވުމަށް ނިންމެވީ ޕީޕީއެމުން އެމަނިކުފާނު ވަކިކުރަން ތައްޔާރުވެފައި ވަނިކޮށް ކަމަށް އާސިފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ޕީއެންއެފްއަށް ގުޅިވަޑައިގެންފައި ވަނީ އަމިއްލަފުޅަށް ޕީޕީއެމުން އިސްތިއުފާ ދެއްވުމަށް ފަހުގައި ކަމަށެވެ.

އޭނާ އަބަދުވެސް ހުންނަވާނީ ރައީސް ޔާމީން އާއި އެމަނިކުފާނުގެ އާއިލާ އާ އެކުގައި ކަމަށާއި މަސައްކަތް ކުރައްވާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް