ads
ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ:ހައިކޯޓު
11 އަހަރުވީ މަރުގެ މައްސަލައިގެ ހުކުމް މާދަމާ
ލޮރެންޒޯ ޕާކް ތެރޭގައި 2012 ވަނަ އަހަރު މަރާލި އަހުމަދު އަރުހަމްގެ މަރުގެ މައްސަލައިގައި ހިމެނޭ ތިން މީހެއްގެ މައްސަލަ، ހަތް އަހަރު ފަހުން ހުކުމް ކުރުމަށް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

ހައިކޯޓަށް 2017 ވަނަ އަހަރު ހުށަހެޅުނު، އަރުހަމްގެ މަރުގެ މައްސަލައިގައި ހިމެނޭ ތިން މީހެއްގެ މައްސަލައިގެ ހުކުމް ކުރުން ތާވަލުކޮށްފައި އޮތީ މާދަމާ މެންދުރު ފަހަށެވެ. 

މި މައްސަލައިގެ ހުކުމް ކުރަން ކުރިންވެސް ހައިކޯޓުން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ހުކުމް ކުރުމަށް ތާވަލުކޮށްފައި އޮތް މައްސަލަ ކެންސަލްވީ އިދާރީ ސަބަބަކާ ހުރެ ކަމަށެވެ. އޭގެ އިތުރު އެއްވެސް ތަފްސީލެއް ހައިކޯޓުން ނުދެއެވެ.

މޭ 2012 ގައި ލޮރެންޒޯ ޕާކު ތެރޭގައި އަރުހަމް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި ދަށު ކޯޓުން ކުށް ސާބިތު ނުވުމުން، ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކޮށްފައިވަނީ ތިން މީހެއްގެ މައްސަލައެވެ.

އެއީ، ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާން، ލ. މާވަށު އަސަރީގޭ މަންސޫރު ޔޫސުފާއި އަދި މއ. ސީނަރީވިއު އާތިފް ރަޝީދުއެވެ. އެ މައްސަލައިގައި ކުށް ސާބިތވީ، ލ. މާވަށު އެވާބްލޫގޭ މުހައްމަދު ވިސާމްގެ މައްޗަށެވެ. އޭނާ މަރަން އޭރު ކޯޓުން ހުކުމް ކުރިއެވެ. އޭނާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައިވަނީ އިސްތިއުނާފު ކޮށްފައެވެ.

އަރްހަމްގެ މަރުގެ މައްސަލައިގައި ދަށު ކޯޓުން ހުކުމް އިއްވަވަމުން އެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ އޭރު ވިދާޅުވީ ވިސާމްގެ މައްޗަށް އެ ކުށް ސާބިތު ވަނީ އޭނާ އަރުހަމްގެ ގަޔަށް ވަޅި ހަރަނިކޮށް ފެނުނު ކަމަށް އެކަކު ހެކިބަސް ދީފައިވާތީ އާއި ލޮރެންޒޯ ޕާކު ހުންނަ ގޯޅި ތެރެއިން ވިސާމް ނުކުންނަނިކޮށް ފެނުނު ކަމަށް އިތުރު ހެކިވެރިއަކު ހެކިބަސް ދީފައިވާތީ ކަމަށެވެ. 

އަރުހަމަށް ބަޔަކު ހަމަލާދެމުން ދިޔައިރު އޭނާގެ ގައިގައި ވިސާމް ހިފަހައްޓައިގެން ހުރި ތަން ފެނުނު ކަމަށް އެހެން ހެކިވެރިއަކު ބުނެފައިވާކަން ގާޒީ ފާހަގަކުރެއްވި އެވެ.

ގާޒީ ވިދާޅުވީ އެއްވެސް ހައްގަކާ ނުލާ އަރުހަމް މަރާލާފައި ވަނީ ތޫނު އެއްޗަކުން ހަމަލާދީގެންކަން އެނގެން އޮތުމުން އަރުހަމަށް ހަމަލާދިނީ މަރާލުމުގެ ގަސްދު އޮވެގެން ކަމަށް އިސްލާމީ ފިގުހީ އުސޫލުތަކުން ބަލަންޖެހޭ ކަމަށެވެ. 

ގާޒީ ވިދާޅުވި ގޮތުގައި އެއްވެސް ހައްގަކާ ނުލާ އަރުހަމަށް ހަމަލާދީ އޭނާ މަރާލީ ވިސާމް ކަން ޝަރީއަތަށް ސާބިތުވާތީ ވިސާމްގެ ލޭގެ ހުރުމަތް މިހާރު ވަނީ ކެނޑިފަ އެވެ.

ގާޒީ އިބްރާހިމް ވިދާޅުވި ގޮތުގައި ބާކީ ތިބި ތިން މީހުން ކަމަށްވާ މަންސޫރާއި ސުފްޔާން އަދި އާތިފްގެ މައްޗަށް ކުށް ސާބިތު ނުވީ އެ މީހުންނާ ދެކޮޅަށް ލިބިފައި ހުރި ހެކިބަސްތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް