ads
ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރާއި މިނިސްޓްރީގެ ސީނިއާ ބޭފުޅުން ---- ފޮޓޯ: މަޖިލިސް
ފްލެޓު މައްސަލަ 20 ދުވަހުން އޭސީސީން ނިންމާނެ: ހައުސިން މިނިސްޓަރު
ނިމުނު ސަރުކާރުގައި އަޅަން ފެށި 4،000 ފްލެޓުތަށް ދިން މައްސަލާއާ ގުޅިގެން އޭސީސީއަށް ހުށަހެޅި މައްސަލައާ ގުޅިގެން ފްލެޓުތަށް ތާށިވެފަވާތީ އެ މައްސަލަ އަވަސް ކުރަން މަސައްކަތް ކުރައްވަމުންދާ ކަމަށް މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގައި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި މީހުންގެ ތެރެއިން 13،000 މީހުން ފްލެޓަށް ޝަރުތު ހަމަވި އެވެ. ނަމަވެސް ހުޅުމާލޭގައި އަޅަމުންދާ 4،000 ފްލެޓްގެ ތެރެއިން ނިންމުމުގެ މަރުހަލާގައި ވަނީ މަދު ފްލެޓްތަކެކެވެ.

މިފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް މިދިޔަ ސަރުކާރުގައި ޕްލޭނިން މިނިސްޓްރީން ހުޅުވާލުމާ ގުޅިގެން 7،400 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅި އެވެ. މިޝަކުވާތަކަށް ހައްލުތަކެއް ހޯދައިދީފައި ނޫނީ ފްލެޓް ދޫނުކުރަން އޭސީސީ އިން ވަނީ އަންގާފަ އެވެ. ނަމަވެސް ޕްލޭނިން މިނިސްޓްރީން ވަނީ ޝަކުވާތަކާ މެދު ގޮތްތަކެއް ނިންމުމަށްފަހު ފްލެޓް ދޫކުރަން މަސައްކަތް ވެސް ކޮށްފަ އެވެ. މިކަން ކުރި ގޮތާ މެދު ހިތްހަމަނުޖެހި 7،000 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވަނިކޮށް ފްލެޓު ދޫކުރުމުގެ ކަންކަން ހުއްޓާލުމަށް އޭސީސީން ވަނީ އަންގައިފަ އެވެ.  

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މެންބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ހައިދަރު ވިދާޅުވީ، އޭސީސީގެ ތަހުގީގުގެ ފުރަތަމަ މަރުހަލާއަށް 20 ދުވަސް ހޭދަވާނެ ކަަމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް، އެ ތަހުގީގުގެ ތެރެއިން ޖިނާއީ ތަހުގީގެއް ކުރަން ޖެހިއްޖެ ނަމަ އެއަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދެއްވައިފަ އެވެ.

ޑރ. ހައިދަރު ވިދާޅުވީ ފްލެޓްތަކުގެ މައްސަލައިގައި އޭސީސީ އިން ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދަން ޖެހިއްޖެނަމަ ފްލެޓްތަކާ މެދު ގޮތެއް ނިންމުން އިތުރަށް ލަސްވެސް ވެދާނެ ކަމަށެވެ.

"އަޅުގަނޑުމެން ހަވާލުވިއިރު ފްލެޓް ދޫކުރުން ހުއްޓުވާފައިވާތީ އެކަމުގެ ކަންބޮޑުވުން އޭސީސީއާ ހިއްސާކޮށްފައިވާނެ. އަދި މައްސަލަ ހައްލުކޮށް އަލުން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ގޮތެއް މިދަނީ ބަލަމުން،" ހައިދަރު ވިދާޅުވި އެވެ.


ފްލެޓު ހަވާލު ކުރުން ހުއްޓުވުމުގެ ގާނޫނީ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައެއް މެމްބަރުން މިއަދު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމަށް ހައުސިން މިނިސްޓްރީން އެއްބާރުލުން ދޭތީ ސުވާލު އުފައްދާފައިވެ އެވެ.

އެ ސުވާލަށް ތަކުރާރުކޮށް ޖަވާބުދެއްވަމުން ހައިދަރު ވިދާޅުވީ، އޭސީސީން އެ ނިންމުން ނިންމާފައި އޮތީ މިދިޔަ ސަރުކާރުގައި ކަމަށާއި އެކަމާ މެދު ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. ދެން ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ އޭސީސީން އެފަދައިން އަންގާފައިވާތީ އެ އެންގުމަށް އިހުތިރާމުކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އަތް ބަނދެވިފައި މިއޮތީ އަޅުގަނޑުމެން ވެރިކަމަށް އައިރު އޭސީސީން އެކަން ހުއްޓުވާފައި އޮތީމާ،" އޭނާ ވިދާޅުވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް