އޭއެފްސީ ކަޕުގައި މާޒިޔާއަކީ ރާއްޖޭން އަދި މި ސަރަހައްދުންވެސް އެންމެ ގިނަ ފަހަރު ކުޅުނު އެއް ޓީމަށް މިހާރުވެފައި ވީނަމަވެސް ދުވަހަކުވެސް ގްރޫޕް ސްޓޭޖަ ފަހަނަ އަޅައި ދެވޭ ވަރެއް އަދި ނުވެއެވެ.
އޭއެފްސީ ކަޕުގައި މިރޭ ބަންގްްލަދޭޝްގެ ބަޝަންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗުންވެސް އެ ޓީމު ބަލިވީ ފަހަތުން އަރައި ބަޝަންދުރާއިން ޖެހި ދެ ލަނޑާއެކު ދޭއް އެކަކުންނެވެ. ފުރަތަމަ ހާފުގައި މާޒިޔާއިން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް ބަޝަންދުރާއިން ދެ ލަނޑު ޖެހީ ފަހު ހާފުގައެވެ.
މާލޭގައި އެންމެ ފަހުން މާޒިޔާ ކުޅުނު މެޗުގައިވެސް އެ ޓީމުން ދެ ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް މެޗު ގެއްލުނީ އިދިކޮޅު ޓީމުން ފަހަތުން އަރައި ޖެހި ތިން ލަނޑާއެކުއެވެ.
މިއަދު މެޗުން މާޒިޔާ ބަލިވުމާއެކު ބާކީ އެއް މެޗު އޮއްވާ މުބާރާތުގައި ކުރިއަށް ނުދެވޭނެކަން ޔަގީންވީ، މިހާތަނަށް އެންމެ ތިން ޕޮއިންޓް ލިބި އޮވެމެ، ދެން ބާކީ އޮތް މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ޓޭބަލްގެ ކުރި ނުލިބޭނެތީއެވެ. ބާކީ ދެން މާޒިޔާ މި އަހަރު ކުޅެން އޮތް މެޗަކީ އިންޑީޔާގެ މޯހަން ބަގާންއާ ދެކޮޅަށް މާލޭގައި ކުޅެން ޖެހޭ މެޗެވެ.