ads
މިއަދު ކުރިއަށްދިޔަ މަޖިލިހުގެ ކޮމިޓީ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު: ވިދާޅުވީ އިގުތިސޯދީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާ އެކު ވެސް ފުށިދިއްގަރުފަޅުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
އިގުތިސޯދީ ހާލަތު ދަށް، ފުށިދިއްގަރުފަޅު ހިއްކަން ފައިސާ ހޯދޭނެ
އިގުތިސޯދީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކާ އެކު ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ތެރެއިން މާލެ ސަރަހައްދުގައި ތަރައްގީ ކުރުމަށް ރާވާފައިވާ ކ. ފުށިދިއްގަރުފަޅުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލިހުގައި މިއަދު ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު އެގޮތަށް ވިދާޅުވެފައި ވަނީ އިގުތިސޯދީ ގޮތުން ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު، ދަރަންޏަށް ފައިސާ ނަގައިގެން މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ގައުމަށް އެންމެ ފައިދާ ހުރި ކަމެއްތޯ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ފުށިދިއްގަރުފަޅު ހިއްކަން ހިނގާނެ ހަރަދާއި އެ ތަން ހަދާނެ ގޮތް ރާވާނީ މި ސަރުކާރުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް ކުރުމަށް ރާވާފައިވުމުން އެ މަސައްކަތް ކުރިއަށް ގެންދާނީ އެ ކަމަށް ހިނގާނެ ހަރަދާއި އެ ފައިސާ ހޯދާނެ ގޮތުގެ އިތުރުން އެކަންތައް ކުރާނެ ގޮތް ހަމަޖައްސައިގެން ކަމަށެވެ. މަޝްރޫއުގެ މަސައްކަތް ކުރުމަށް ބޭރުގެ ފަރާތްތަކުން ފައިސާ ހޯދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އެހެން މަޝްރޫއުތަކުންވެސް ފައިސާ ލިބޭނެ ގޮތް ހަމަޖެއްސޭނެ ކަމުގަ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ފައިސާ ހޯދާނެ ގޮތުގެ ތަފްސީލު ނުދެއްވި ނަމަވެސް އެ މަޝްރޫއަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށާއި ފައިސާ ހަމަޖައްސައިގެން މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ ފުށިދިއްގަރުފަޅަކީ މާލެ ސަރަހައްދުން ހިއްކާ ތަންތަން ފުރުމުން ހިއްކުމަށް އެންމެ ރަނގަޅު ތަނަކަށް ފެނުނު ތަން ކަމަށެވެ.

ފުށިދިއްގަރުފަޅު ހިމެނޭ ސަރަހައްދަކީ ބޮޑު ސަރަހައްދެއް ކަމަށް ވުމާ އެކު، ވަރަށް ރަނގަޅަށް ޕްލޭންކޮށްގެން ތަރައްގީ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މާލޭގެ ތޮއްޖެހުން ބޮޑު ކަމަށާއި މިހާރު ތިބި ހުރިހާ އެންމެންނަށް ގޯތި ދިނުމަށްފަހު އަތް އުރާލައިގެން ތިބެވެން ނެތްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވެފައި ވަނީ ކުރިއަށް އޮތް 20 އަހަރު ދުވަހަށް ރަނގަޅު ޕްލޭނެއް ރާވައިގެން މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ އިތުރު ތަންތަން ހޯދަން ޖެހޭ ކަމަށެވެ.

ފިނޭންސް މިިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް މަޖިލިހަށް ފޮނުވާފައިވާ ބަޖެޓުގައި ފުށިދިއްގަރުފަޅު ހިއްކުމަށް ކުރިއަށް އޮތް ތިން އަހަރަށް ޖުމްލަ 1.4 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހިމަނާފައިވެ އެވެ. އެގޮތުން އެ މަޝްރޫއަށް 2024 ވަނަ އަހަރު 400 މިލިއަން ރުފިޔާ، 2025 ވަނަ އަހަރު 600 މިލިއަން ރުފިޔާ އަދި 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ ހޭދަކުރުމަށް ވަނީ ބަޖެޓުކޮށްފަ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ އެއް މަސް ދުވަހުގެ ތެރޭގައި ފަށައި، ފުރަތަމަ އަހަރުގެ ތެރޭގައި ހިއްކައި ނިންމުމަކީ ރައީސް ޑރ. މުއިއްޒުގެ މުހިންމު ވައުދުފުޅަކަށްވާއިރު، އެފަޅުން 1،280 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފަ އެވެ. ހުޅުމާލޭގެ ދެ ފިޔަވައްސަށް ވުރެ ތިން ގުނަ ބޮޑު އެ ސަރަހައްދު ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ މޫސުމީ ބަދަލުތަކުން ލިބޭނެ ގެއްލުންތައް ކުޑަވާނޭ ގޮތަށް ތިން މީޓަރަށް ވުރެ އުސްކޮށެވެ. އެ ރަށުގައި 31،500 ހައުސިން ޔުނިޓް އެޅުމަށް ރާވާފައިވާއިރު، ޔޮޓްމެރީނާއަކާއި ކްރޫޒް ޓާމިނަލެއް އެތަނުގައި އަޅާނެ އެވެ. އަދި ވިޔަފާރި އާއި ކުޅިވަރަށް ހާއްސަ ސަރަހައްދެއްގެ އިތުރުން އެ ފަޅުގައި ގެސްޓްހައުސް އާއި ޓޫރިޒަމަށް ހާއްސަ ވަކި ދެ ރަށެއް ތަރައްގީ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް