ads
ރައީސް ޑރ. މުއިއްޒު: ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުއި ފަސޭހައެއް ހޯދައިދެއްވަން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައި - ފޮޓޯ:ރައީސް އޮފީސް
ތުރުކީގައި ރާއްޖޭގައި އެމްބަސީއެއް ހުޅުވުމަށް މަޝްވަރާތައް ފަށަނީ
ތުރުކީވިލާތުގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުއި ފަސޭހައެއް ހޯދައިދެއްވަން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
Advertisement

ރައީސް އޮފީހުން ބުނީ އެމަނިކުފާނު މި ޔަގީންކަން ދެއްވާފައި ވަނީ ރައީސްގެ ދެކަނބަލުން ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ހާއްސަ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ތުރުކީވިލާތުގެ ނޭޝަންސް ލައިބްރަރީގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ބޭނުންވާ ކަންތައްތަކާއި އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ބައްލަވާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިން ވަނީ އެފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަމާއި އެ ގައުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވާފައި ކަމަށެވެ. އޭގެތެރޭގައި ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި ރާއްޖޭން ބޭރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑުގެ ސަބަބުން ދިމާވާ އުނދަގޫތައް ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނި ގޮތުގައި އެކިއެކި ތަމްރީނުތައް ފުރިހަމަ ކުރުމަށްޓަކައި އެ ގައުމުގައި ތިބި ފަރާތްތައް، ޗުއްޓީގައި ރާއްޖެއަށް އަނބުރާ ދިއުމަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރެއްވި ކަމުގަ އެވެ. ހަމަ އެ އާއެކު ތަމްރީނުގެ ފުރުސަތުތަކާއި ސްކޮލާޝިޕް ފުރުސަތުތައް ދިވެހިންނަށް އިތުރަށް ފަހިކޮށްދެއްވުމަށް ތުރުކީވިލާތުގައި ދިރިއުޅެމުންދާ ދިވެހިންވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައި ކަމަށް އެ އޮފީހުން ބުނެ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ ރާއްޖޭގެ އެމްބަސީއެއް ތުރުކީވިލާތުގައި ހުޅުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށާއި ބީއެމްއެލުން މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައި ވިދާޅުވެފަ އެވެ.

ތުރުކީވިލާތުގެ އިސްބޭފުޅުންނާ އެކު ހޯމަ ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު އެބޭފުޅުން ވަނީ 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ހާއްސަކޮށް 30 ސްކޮލާޝިޕް ފުރުސަތު ދެއްވާނެކަން ޔަގީންކޮށްދެއްވާފައި ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މި ފުރުސަތުތައް މި އަންނަ ޖެނުއަރީ މަހު ހުޅުވާލައްވާނެ ކަމަށް ތުރުކީވިލާތުގެ އިސްބޭފުޅުން ވިދާޅުވެފައިވާކަން އެމަނިކުފާނު ހިއްސާ ކުރެއްވި އެވެ.

ރައީސް އޮފީހުން ބުނީ މި ސަރުކާރުން ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަން ފަސޭހަކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި ކަމަށެވެ. އަދި މީގެ އިތުރުންވެސް ސަރުކާރުގެ ފުރިހަމަ ސަޕޯޓް ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ލިބޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ ތުރުކީވިލާތަކީ ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށާއި ރާއްޖެއަށް ފައިދާހުރި އެކި ދާއިރާތަކުން އެހީތެރިވެދޭ ގައުމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވާ ކަމުގަ އެވެ. އަދި މުސްތަގުބަލުގައި ތުރުކީވިލާތާ އެކު މިހާރަށްވުރެ ގާތްގުޅުމެއް އުފެއްދޭނެކަމުގެ ޔަގީންކަން އޮތް ކަމުގައި އެމަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް