ads
ތުރުކީވިލާތުގެ ނައިބު ރައީސް، ރައީސް ޑރ. މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން - ފޮޓޯ:ރައީސް އޮފީސް
ތުރުކީގެ ނައިބު ރައީސް، ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ތުރުކީވިލާތުގެ ނައިބު ރައީސް ޝޭވްދޭތު ޔިލްމާޒް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
Advertisement

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ހޯމަ ދުވަހު އަންކާރާގައި ހުންނަ ޕްރެޒިޑެންޝަލް ގެސްޓްހައުސްގަ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ތުރުކީގެ ނައިބު ރައީސް ވަނީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެ، މަގާމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފަ ކަމަށެވެ. މީގެ އިތުރުން ރައީސް ޑރ. މުއިއްޒާއި ތުރުކީވިލާތުގެ ނައިބު ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި ރާއްޖެ އާއި ތުރުކީވިލާތާ ދެމެދު އިތުރަށް އެއްބާރުލުން ދެވޭނެ ދާއިރާތަކާ މެދު ހިޔާލު ބަދަލުކުރައްވައި މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ ރާއްޖޭގެ ތަރައްގީއަށްޓަކައި މި ސަރުކާރުން ރާއްވަވާފައިވާ ބޮޑެތި ކަންކަމާ ގުޅޭ މައުލޫމާތު، ތުރުކީވިލާތުގެ ނައިބު ރައީސަށް ރައީސް ޑރ. މުއިއްޒު ދެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ގާޒާގައި ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އިސްރާއީލުން ކެނޑިނޭޅި ދެމުންދާ ހަމަލާތަކަށް ބައިނަލްއަގުވާމީ ދުނިޔެއިން އެދެވޭ ރައްދެއް ނުލިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނި ގޮތުގައި ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކޮށް، އެ ގައުމުގެ އިސްތިގުލާލުގެ ދިފާއުގައި ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ ހައްގު މަސައްކަތަށް ދިވެހިރާއްޖެ އާއި ތުރުކީވިލާތުން ފުރިހަމަ ތާއީދު އޮތްކަން ރައީސް ޑރ. މުއިއްޒާއި ތުރުކީވިލާތުގެ ނައިބު ރައީސް ތަކުރާރު ކުރެއްވި ކަމުގަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް އާއި ތުރުކީގެ ނައިބު ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އެކުވެރިކަން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ރާއްޖެ އާއި ތުރުކީވިލާތާ ދެމެދު ދޭދޭ ގުޅުން ގާއިމު ކުރެވުނީ 1979 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.

ރައީސް ޑރ. މުއިއްޒު މިހާރު ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް