ads
ރައީސް ނަޝީދު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ: ނަޝީދު ވިދާޅުވީ އިންޑިއާއިން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާވެސް ގުޅުން ބަދަހިކުރަން ޖެހޭ ކަަމަށް - ފޮޓޯ:ޓީއޯއައި
އިންޑިއާއިން ރާއްޖޭގެ ހުރިހާ ޕާޓީތަކާވެސް ގުޅުން ބަދަހިކުރަން ޖެހޭ: ނަޝީދު
އިންޑިއާއިން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާވެސް ގުޅުން ބަދަހިކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު މި އޮތްގޮތުން ރާއްޖެ އާއެކު ސިޔާސީ ދާއިރާއިން ގުޅުންތައް ބިނާކުރަން މިއީ އިންޑިއާއަށް ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ގުޅުން ބޭއްވޭނީ އެންމެ ޕާޓީއަކާއި އެކު ނޫން ކަމަށާއި، ހުރިހާ ޕާޓީތަކަކާއިއެކު އިންޑިއާއަށް ގުޅުން ބަދަހި ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން ދިވެހީންގެ ހިތްތަކުގައި އިންޑިއާއަށް އޮތް ލޯބި ނުގެއްލޭ ކަމަށާއި، މުސްތަގުބަލުގައި ވެސް ރާއްޖެ އާއި އިންޑިއާގެ ރަހުމަތްތެރިކަން އޮންނާނީ އުޖާލާކޮށް ކަމަށް ރައީީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދަކީ އިންޑިއާގެ ދިފާއުގައި މީގެ ކުރިންވެސް އެކި ފަހަރު މަތިން ވާހަކަފުޅު ދައްކަވާފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދާން އެންގުމަކީ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ދިވެހި ސަރުކާރުން މިހާރު ވަނީ ރަސްމީކޮށް އިންޑިއާ ސަރުކާރުގައި އެދިފައެވެ. އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވާލުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ސަރުކާރުން އެންމެ ފަހުން ހާމަކުރި ގޮތުގައި ރާއްޖޭގައި 77 އިންޑިއާ ސިފައިން އެބަތިއްބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް