ads
ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް
އާޒިމު ވިދާޅުވަނީ؛ ނުހައްގުން ދީފައިވާ ގޯއްޗާއި ފްލެޓް އަތުލަންޖެހޭ ކަމަށް
ނިމިދިޔަ ސަރުކާރުން ނުހައްގުން ގޯއްޗާއި ފްލެޓް ދީފައިވާނަމަ އަތުލަން ޖެހޭ ކަމަށް މެދު ހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

އާޒިމް މިހެން ވިދާޅުވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމު ހުށައެޅި ކުރީގެ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން މި ސަރުކާރުން އެކި ފަހަރު އެކި ގޮތަށް މައުލޫމާތު ދެމުންދާ ކަމަށް ބުނެ ގޯއްޗާއި ފްލެޓްތަކާ ގުޅޭ ހަގީގީ ސިޔާސަތު ހާމަކުރުމަށް ގޮވާލި ކުއްލި މައްސަލައިގެ ބަހުސް ގައި އެވެ.

ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މައްސަލަ ހުށަހެޅުއްވި މީކާއީލް ވިދާޅުވީ ރައްޔިތުންގެ ބޯހިޔާވަހިކަން މިއަދުގެ ސަރުކާރުން ގުޅުވަން ގަސްތުކުރަނީ އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ކަމަށެވެ.

"އިންތިހާބުގައި ކެންޑިޑޭޓުން ވަޑައިގަންނަވާއިރު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދެއްވާ ކޮންމެ އާއިލާއެއްގެ އަތުން ބޯހިޔާވަހިކަން ފޭރިގަންނާނެ ކަމުގެ އިންޒާރު އެ މެސެޖު އެ ދެއްވަމުން ގެންދަވަނީ،" މީކާއީލް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ފުރުސަތު ހޯއްދަވައި ކުރިން އެމްޑީޕީ ގައި އިސްކޮށް އުޅުއްވި، އާޒިމް ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ކުރީގެ ސަރުކާރަށް ނިސްބަތްވާ މެމްބަރަކު އެމެމްބަރުގެ ސަރުކާރުން ކަންކަން ކޮށްފައި އޮތީ އެންމެ ރަނގަޅަށް ނޫންކަން ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

އާޒިމު ވިދާޅުވީ ވެރިކަމަށް އަންނަ ފަރާތްތަކުގެ އިހުލާސްތެރިކަމެއް ނެތް ކަމަށާއި ވެރިކަމުގެ ދައުރު ނިމެން ކައިރިވެ އިތުރު ދައުރެއް ނުލިބޭނެކަން ޔަގީންވުމުން ކޮންމެ ސަރުކާރަކުންވެސް އަތުޖެހުނު އެއްޗެއް ބަހާލަމުންދާ ކަމަށެވެ.

"ވަކި ސަރުކާރެކޭ އަޅުގަނޑު ނުބުނަން. ކޮންމެ ސަރުކާރަކުންވެސް މިކުރަން ފަށާ ކަމަކީ އަވަހަށް ރިޝްވަތުގެ ގޮތުގައި ނަމަވެސް ހެޔޮ އޮޅުވާލައިގެން ނަމަވެސް އަތުޖެހުނު އެއްޗެއް ބަހާލުން،" އާޒިމު ވިދާޅުވި އެވެ.

ހައްގުވެރިންނަށް ގޯއްޗާއި ފްލެޓް ދީފައިވާނަމަ އެއްވެސް ސަރުކާރަކުން އެ އަތުނުލާނެ ކަމަށްވެސް އާޒިމު ވިދާޅުވި އެވެ.

ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވަނީ ކުރީގެ ސަރުކާރުން ގޯތި ދޫކުރަން ނިންމާ އާންމުކުރި ލޭންޑް ޔޫސް ޕްލޭނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"މީގެ އެއްމަސް ކުރިން އަޅުގަނޑަށް އެ ލޭންޑް ޔޫސް ޕްލޭން ފެނުނު ދުވަހު ހައިރާންވި. ހުސް ގޯތިތަކެއް ހުރީ. މިސްކިތެއް ނެތް، މަދަރުސާއެއް ނެތް، ދެން އަނެއްކާ މާލެއަށް ކިޔަވަން. ނަމާދުކޮށްލަން މާލެއަށް،" މިހާރު ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނަސީމް ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައެއް ވަޒީރުންނާ ވަރަށް ގާތުން މަސައްކަތް ކުރެއްވި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަނދުން ހުސައިން އެހެން ވިދާޅުވީ، އެ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓް ލިބުނު މީހުންނާ ވީ އެންމެ އަވަހަކަށް އެ ތަންތަން ހަވާލުކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކައިލް ނަސީމް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.

އަނދުން ހުސައިން ވިދާޅުވީ ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓް ލިބޭ މީހުން ކަނޑައަަޅައި، ޕޮއިންޓް ދީފައިވަނީ ގަބޫލު ކުރެވޭ އުސޫލަކުން ނޫން ކަމަށެވެ.

"ގަބޫލު ނުކުރެވިގެން އުޅޭ ކަމަކީ ޕޮއިންޓް ދިނުމުގައި ގެންގުޅުނު ދޯހަޅި އުސޫލު. ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު ލައިގެން ޕޮއިންޓް މަތިކޮށްގެން ޕޮއިންޓް ލިބުނު ފަރާތްތަކަށް، ފްލެޓް ދެވޭނެ ކަމަށް ބުނި ފުރަތަމަ 4،000 ޔުނިޓް ތެރޭގައި ފްލެޓު ދެވޭނެ ކަމަށް ބުނެފައި އޮތުމާއި އެ ގޮތަށް ނިންމި ނިންމުން އަޅުގަނޑު ބަލައެއް ނުގަންނަން،" އޭނާ ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ހައިދަރު ވަނީ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓުތައް ދޫކުރުމަށް އެކުވާލި ލިސްޓު ރިވިއުކުރަން ނިންމާފައިވާކަމަށް ވިދާޅުވެ، "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ބައެއް ގޯތިތަކުގެ ރަޖިސްޓްރީ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދޫކޮށްފައިވާ ރަޖިސްޓްރީތަކުގެ ސައްހަކަމާ ގުޅޭގޮތުން ސުވާލު އުފައްދަވާފައިވެ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް