![](https://cnm.mv/media/images/331324_5079a662-5.jpg)
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއަރމަން އަދި ރައީސް، ޕްރޮފެސަރ ޑޮކްޓަރ ނޫމާން ކުރްތުލުމުސްއާ އަދި ޕާލަމަންޓުގައި ވަޑައިގެން ތިއްބެވި މެންބަރުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ގައުމަކީ ތުރުކީވިލާތަށްވުމީ ލިބިވަޑައިގެންނެވި ހާއްސަ ޝަރަފެއްކަމަށާއި އަދި ވަކިން ހާއްސަކޮށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންއާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމަކީ އަދި އެއަށްވުރެ ބޮޑު ޝަރަފެއްކަމުގައި ވިދާޅުވެފައެވެ. މިގޮތުން އެކިއެކި މައުލޫތަކުން މަޝްވަރާކުރައްވައި ތުރުކީގެ ރައީސްއާއި އަދި ތުރުކީ ސަރުކާރުގެ ފަރާތުން ލިބެމުން އަންނަ ފުރިހަމަ އެއްބާރުލުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ ކުޑަކުޑަ އާބާދީއެއް އޮންނަ ގައުމެއް ނަމަވެސް ގުދުރަތީ ގޮތުން އިންޑިއާ ކަނޑުގައި ރާއްޖެ އެތުރިފައި ވަނީ ބޮޑު ސަރަހައްދެއްގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީވެސް ބޮޑު ސަރަހައްދެއް ކަމަށާއި ގުދުރަތީ ގޮތުން ރާއްޖެ އޮންނަނީވެސް ސަރަހައްދީ މުހިންމު ހިސާބެއްގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރާއްޖެއާއި ދުރާއި ގާތުން އެކީގައި މަސައްކަތްކުރާ ހުރިހާ ބައިވެރިންނާއެކުވެސް އަބަދުވެސް އެއްކޮށް މަސައްކަތްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވި ޝިއާރަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރެއްވުން ކަމުގައި ވިދާޅުވެ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ރިޔާސީ ވައުދުފުޅުތައް ފުއްދައިދެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.