ads
އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް: ވިދާޅުވީ ކްލައިމެޓް ފަންޑުން ފަސޭހައިން ފައިސާ ނެގޭނެ ގޮތް ހޯދަން ކޮޕް ސަމިޓުގައި ރާއްޖޭން ވަކާލާތު ކުރާނެ ކަމަށް - ފޮޓޯ:އެންވަޔަރަންމަންޓް މިނިސްޓްރީ
ކްލައިމެޓް ފަންޑުން ފަސޭހައިން ފައިސާ ނެގޭނެ ގޮތް ހޯދަން ވަކާލާތު ކުރަނީ
ކްލައިމެޓް ފަންޑުން ފަސޭހައިން ފައިސާ ނެގޭނެ ގޮތް ހޯދަން ކޮޕް-28 ސަމިޓުގައި ރާއްޖޭން ވަކާލާތު ކުރާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް-28 ސަމިޓުގައި ބައިވެރިވެޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަމަވުން އެންވަޔަރަންމަންޓް މިނިސްޓަރު މިވިދާޅުވީ އެފަދަ ފަންޑު ތަކުން ފައިސާ ހޯދަން ޖެހެނީ ބައިވަރު ލިޔެކިޔުންތައް ތައްޔާރު ކޮށްގެން ކަމުން ބޭނުން ޖެހޭ ވަގުތުގައި ފަންޑުން ފަސޭހައިން ފައިސާ ނުނެގޭ ކަމަށެވެ. އެހެންކަމުން ކާރިސާއެއް ދިމާވެއްޖެ ހާލަތުގައި ވެސް އެ ފައިސާ ލިބޭނެ ގޮތް ހަމަޖެހޭ އިރު އޮންނަނީ އިތުރު ބޮޑެތި ގެއްލުންތައް ވެފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ތިމާވެއްޓަށް އަންނަ ބަދަލު ތަކާއި ގުޅިގެން ރާއްޖޭ ފަދަ ކުޑަ ޖަޒީރާ ގައުމެއް ރައްކާތެރި ކުރުމުގެ މަސައްކަތަށް ފައިސާ ބޭނުން ވާ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން ރަށް ގިރުމުގެ މައްސަލަ ތަކާއި، މޫސުމީ ބަދަލު ތަކާއި ގުޅިގެން ތައްޔާރީ ހާލަތަށް އައުމުގެ މަސައްކަތްތަކަށް ވެސް ފައިސާ ބޭނުންވާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

މިފަދަ ދަތި ތަކަށް ހައްލެއް ހޯދުމުގެ ގޮތުން އެ ފަންޑުން ފައިސާ ދޫކުރާނެ ގޮތުގެ އުސޫލުތަށް ބަދަލު ކުރުމުގެ މުހިއްމު ކަމަށުގެ މައްޗަށް މިނިސްޓަރު ތޯރިގު އަލިއަޅުވާލެއްވި އެވެ.

އެހެންކަމުން ކުރިއަރާފައިވާ މުއްސަނދި ގައުމު ތަކުން ކްލައިމެޓް ފަންޑަށް ފައިސާ ލުމާއި، އަދި އެ ފައިސާ ފަސޭހައިން ނެގޭނެ މަގެއް ފަހި ކޮށްދިނުމަށް އެދި ރާއްޖޭން ވަކަލާތު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން ވީމަ އަޅުގަނޑުމެން މިބުނަނީ ކުރިއަރާފައި އޮތް ގައުމު ތަކުގައި، މި ފަންޑަށް ވީހާވެސް އަވަހަކަށް ފައިސާ ލާފައި، އަދި މި ފައިސާ ފަސޭހައިން ނެގޭނެ ގޮތް ހަދާދޭށޭ" މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮޕް-28 ސަމިޓުގައި، މޫސުމީ ބަދަލު ތަކާއި ގުޅިގެން ރާއްޖެއަށް ލިބޭ ގެއްލުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރެއްވުމަށް ރައީީސް ޑރ. މުއިއްޒު ވެސް ބައިވެރި ވެވަޑައިގަންނަވާނެ ކަމުގައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދުބާއީގައި އޮންނަ މި ސަމިޓަކީ ކާމިޔާބު ސަމިޓަކަށް ވެގެންދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ. މި ސަމިޓުގައި ކުރިއަށް ދާނީ މާދަމައިން ފެށިގެން އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް