އެ ދެ މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމާއި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އުފެދުމާ ގުޅިގެން ރިޔާާސަތުން އިއުލާނުކުރައްވާފައި ވަނީ މަޖިލިހުގައި ސަރުކާރު ތަމްސީލުކުރައްވާނީ ރައީސް ނިސްބަތްވެ ވަޑައިގަންނަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީީ) ގެ މެންބަރުން ކަމަށެވެ. ރިޔާސަތުން އެގޮތަށް އިއުލާނުކުރެއްވިއިރު މަޖިލިހުގައި ތިއްބެވީ އެ ޕާޓީއަށް ނިސްބަތްވާ އެންމެ ދެ މެންބަރުންނެވެ. އެއީ ފެލިދޫ ދާއިރާގައި އޭރުގެ މެންބަރުގެ އިބްރާހިމް ފަޒުލް ރަޝީދާއި ތުލުސްދޫ ދާއިރާގެ މެންބަރު ނަސީމެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު ނަސީމަކީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރެއްގެ ގޮތުގައި އިންތިހާބުވެވަޑައިގަތުމަށްފަހު މިފަހުން ޕީއެންސީ އާ ގުޅިވަޑައިގެންނެވި މެންބަރެކެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ މަޖިލިހުގެ ދަފްތަރުގައި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރެއްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު ސިރާޖު ޕީއެންސީއަށް ގުޅިވަޑައިގެން މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ލިޔުންތައް ހުށަހަޅުއްވާފައިވާކަން އިއުލާނުކުރައްވާފަ އެވެ. އަދި ފެލިދޫ ދާއިރާގެ މެންބަރު ފަޒުލް މަޖިލިހުގެ މެންބަރުކަމުން އިއްޔެ އިސްތިއުފާ ދެއްވާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވެފައިވެ އެވެ. ފަޒުލް މަޖިލިހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައި ވަނީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ.
ރައީސް ޑރ. މުއިއްޒު ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވުމުގެ ކުރިން މަޖިލިހުގައި ޕީއެންސީ ތަމްސީލުކުރައްވާ ފަސް މެންބަރަކު ތިއްބެވި އެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖެއްސެވި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ނައިބު ރައީސްކަމުގެ ހުވާކުރެއްވުމާ ގުޅިގެން އެ ޕާޓީ ތަމްސީލުކުރައްވާ މެންބަރުންގެ އަދަދު ހަތަރަކަށް ތިރިވި އެވެ.
ޑރ. މުއިއްޒުގެ ސަރުކާރުގެ ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރުގެ މަގާމަށް އޭރުގެ މަޑުއްވަރި ދާއިރާ މެންބަރު އާދަމް ޝަރީފް އަދި މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ މަގާމަށް މާވަށު ދާއިރާގެ އޭރުގެ މެންބަރު މުހައްމަދު ސައީދު އައްޔަން ކުރެއްވުމާ ގުޅިގެން ފަޒުލް އާއެކު ޕީއެންސީއަށް ނިސްބަތްވާ މެންބަރެއްގެ ގޮތުގައި ހުންނެވީ ނަސީމެވެ.
ޕީޕީއެމް/ޕީއެންސީ ގެ ޓިކެޓުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހަށް އެ ދެ ޕާޓީން މެންބަރުން އިންތިހާބުވެވަޑައިގެންނެވިއިރު ދެ ޕާޓީން މަސައްކަތް ކުރަމުން އައީ ކޯލިޝަނެއްގެ ގޮތުގައި ކަމަށް ވުމާ އެކު އެ މެންބަރުން މަސައްކަތް ކުރައްވަމުން ގެންދެވީވެސް އެކުއެކީގަ އެވެ.
ޕީޕީއެމްއަށް ނިސްބަތްވާ ނައިފަރު ދާއިރާގެ އޭރުގެ މެންބަރު އަހުމަދު ޝިޔާމް، މިނިސްޓަ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު ކަމަށާއި ޑިފެންސް މިނިސްޓަރު ކަމަށް ތ. ގުރައިދޫ ދާއިރާގެ އޭރުގެ މެންބަރު މުހައްމަދު ގައްސާން މައުމޫން އައްޔަން ކުރެއްވުމާ އެކު މަޖިލިހުގައި އެ ޕާޓީގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ވެސް އެންމެ ދެ މެންބަރުންނެވެ. އެއީ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ.
މަޖިލިހުގައި އެމްޑީޕީއަށް ނިސްބަތްވާ 56 މެންބަރުން ތިއްބެވިއިރު، ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެންބަރަކު ތިއްބަވަ އެވެ. އަދި އެމްޑީއޭއަށް ނިސްބަތްވާ ދެ މެންބަރަކާއި ޖޭޕީއަށް ނިސްބަތްވާ ދެ މެންބަރެއްގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ތިން މެންބަރުން ތިއްބަވަ އެވެ.