ބީއެމްއެލުން ބުނީ މި މަޝްރޫއުގެ ދަށުން ފުރަތަމަ ފަހަރަށް ލައިބްރަރީގައި ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމު ކުރެވިފައިވާ ކަމަށެވެ. ފޮތް ކިޔުމަށް އާންމުކޮށް ބޭނުންކުރާ ތަން ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކާ އެކު މުޅިން އަލަށް އޯޑިއޯ ރިކޯޑު ކުރެވޭނެ ބޫތެއް ގާއިމުކޮށްފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބީއެމްއެލުން ބުނެފައި ވަނީ ގައުމީ ކުތުބުހާނާއަށް ގެނައި ބަދަލުގެ ތެރެއިން ގައުމީ ތަރިކަ އާ ގުޅުންހުރި ލިޔުންތަކާއި ފޮތްތައް ހުންނަ ކޮޓަރި ތަރައްގީކުރުމާއި ލައިބްރަރީގައި ހުރި ފޮތްތަކާއި ލިޔުންތައް ޑިޖިޓަލްކުރުމުގެ މަސައްކަތަށް ބޭނުންވާ ހާއްސަ ސްކޭނަރެއް ބެހެއްޓިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން މަޝްވަރާތައް ކުރަން ހާއްސަކޮށްފައިވާ ބައި ތަރައްގީކޮށްފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ. އެ ބޭންކުން ބުނި ގޮތުގައި މި މަސައްކަތުގެ ތެރެއިން ސައިލެންޓް ރީޑް ރޫމްވެސް ތަރައްގީކޮށްފައިވާ ކަމުގަ އެވެ. އަދި ދިރާސާތައް ކުރުމަށް ހާއްސަކޮށްފައިވާ ކޮޓަރި ތަރައްގީކޮށްފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.
ބީއެމްއެލުން ބުނެފައި ވަނީ ކުތުބުހާނާއަށް ގެނައި މި ބަދަލުތަކުގެ ތެރެއިން ލައިބްރަރީގެ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރާ ކޮމްޕިއުޓަރުތައް އަޕްގްރޭޑްކޮށްފައިވާ ކަމަށާއި ލައިބްރަރީގައި އިނގިރޭސި ފޮތް ބަހައްޓާފައި ހުންނަ ސެކްޝަންވެސް ތަރައްގީކޮށްފައިވާ ކަަމަށެވެ.
ގައުމީ ކުތުބުހާނާއަށް ބީއެމްއެލްގެ އެހީގައި ގެނެވުނު ޒަމާނީ ބަދަލުތައް ބައްލަވާލެއްވުމަށް އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ މިއަދު ކުތުބުހާނާއަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވި ކަަމަށް ވެސް ބީއެމްއެލުން ބުނެ އެވެ.