
ޕީއެންއެފްގެ މުއައްސިސެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުالله ޔާމީނެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައި ވަނީ އީސީގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގަ އެވެ.
ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނަށް ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހެޅުމުގެ ފުރުސަތެއް ނުލިބެ އެވެ. އަދި ޕާޓީއެއްގައި އިސް މަގާމެއް ފުރުއްވުމުގެ ގާނޫނީ ހައިސިއްޔަތެއް އެމަނިކުފާނަށް ލިބިވަޑައެއް ނުގަނެ އެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސް އަދި އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.
މީގެ ކުރިން މަލީހު ވިދާޅުވެފައި ވަނީ ޕާޓީ އުފެއްދުމުގެ ހުއްދަ ދޫކުރުމާ އެކު ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރިކޯޑު މުގުރާލާނެ ކަމަށެވެ. ޕީއެންއެފުން މާލޭގެ މޭޔަރު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގައި ވާދަކުރާނެ ކަމަށް މަލީހު ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެ ޕާޓީން "ބޮޑުކޮށް ވާދަކުރާނެ" ކަމުގަ އެވެ. އެ އިންތިހާބުގައި އެ ޕާޓީން ވާދަކޮށް، ކާމިޔާބީ ހޯދާނެ ކަމަށް މަލީހު ވިދާޅުވި އެވެ.
ޑރ. ޖަމީލު ވިދާޅުވެފައި ވަނީ ޕީއެންއެފް ވާނީ ރާއްޖޭގައި އުފެދޭ އެންމެ ބިޔަ، އެންމެ ބޮޑު ޕާޓީއަށް ކަމަށެވެ. އެ ޕާޓީން މަސައްކަތް ކުރާނީ މީހުންގެ ޒާތީ މައްސަލަތަކުގެ ތެރެއަށް ވަނުމުގެ ބަދަލުގައި ގައުމީ މައްސަލަތަކަށް ހައްލު ހޯދުމަށް ކަމަށް ވެސް ޖަމީލު ވިދާޅުވެފައިވެ އެވެ.