ads
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ - ފޮޓޯ:މަޖިލިސް
ދަރަންޏެއް ނެގުމަށް ދައުލަތުގެ މުދަލެއް ރަހުނު ކޮށްފައެއް ނުވާނެ: އަމީރު
ދައުލަތުން ނަގާފައިވާ އެއްވެސް ދަރަންޏެއް ނެގުމަށް، ދައުލަތުގެ މުދަލެއް ރަހުނު ކުރެވިފައި ނުވާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅު ވެއްޖެއެވެ.

ކުރީގެ ސަރުކާރުގައި، ދައުލަތުން ނަގާފައިވާ އެއްވެސް ދަރަންޏެއް ނެގުމަށް އާންމު ފަރުދެއްގެ ނުވަތަ ދައުލަތުގެ މުދަލެއް ރަހުނު ކޮށްފައި ނުވާނެ ކަމަށް އަމީރު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ލިޔުމުން ފޮނުވި ސުވާލުގެ ޖަވާބުގަ އެވެ.

މެންބަރު ވަނީ ސެކުއަޑް ޑެބްޓްސްގެ ތެރެއިން އާންމު ފަރުދުންގެ މުދާ (ބިން, އިމާރާތް, އޮޑިދޯނިފަހަރު ފަދަ ތަކެތި) ސެކިއުރިޓީގެ ގޮތުގައި ބޭނުންކޮށްގެން ނަގާފައިވާ ލޯނުގެ މިންވަރަކީ ކޮބައިތޯ އާއި ދައުލަތުގެ މުދާ ސެކިއުރިޓީގެ ގޮތުގައި ބޭނުންކޮށްގެން ނަގާފައިވާ ލޯނުގެ މިންވަރަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި އަމީރު ފޮނުއްވި ލިޔުމުގައި ވަނީ ދައުލަތުން ނަގާފައިވާ އެއްވެސް ދަރަންޏެއް ނެގުމަށް އާންމު ފަރުދެއްގެ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މުދަލެއް ރަހުނު ކުރެވިފައި ނުވާނެ ކަމަށެވެ.

ދައުލަތުން ނަގާފައިވާ އެއްވެސް ދަރަންޏެއް ނެގުމަށް އާންމު ފަރުދެއްގެ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މުދަލެއް ރަހުނު ކޮށްފައިނުވާނެކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު ވިދާޅުވި އިރު، ބޭރުގެ ދަރަނި ގާތްގަނޑަކަށް 125 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި، ރައީސް އިބޫގެ ސަރުކާރުން އެކަނި އުފަން ކުރި ދަރަނި ގާތްގަނޑަކަށް 75 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މިހާރުގެ އިކޮނިމިކް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފަ އެވެ.

ސައީދު ވިދާޅުވީ ރައިސް އިބޫ ސަރުކާރުގެ ބޮޑު ދަރަންޏެއް އޮތް ނަމަވެސް، ދައުލަތަށް އާމްދަނީއެއް ވަންނާނެ ފަދަ ފައިދާ ހުރި ބޮޑު މަޝްރޫއެއް ރައިސް އިބޫ ސަރުކާރަށް ހިންގިފައި ނުވާ ކަމަށެވެ. ތިލަމާލެ ބްރިޖު މަޝްރޫއު ނުނިމި ދިގުލައިގެން ދިޔުން މިކަމުގެ މިސާލަކަށް ފުދޭ ކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތްވެސް ނުނިމި ދިގުލައިގެން ދިއުމަކީ ކަންބޮޑުވާކަމެއް ކަމަށް ވިދާޅުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް