މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28ގައެވެ.
ގާނޫނު ބުނާ ގޮތުގައި، ހިނގަމުން މިދާ ދައުރު ނިމެން 120 ދުވަހަށް ވުމާއެކު، 10 ދުވަހުގެ ތެރޭގައި އިންތިހާބަށް ހުޅުވާލަން ޖެހެ އެވެ. އިންތިހާބަށް ކުރިމަތިލާން 14 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ.
އަދި، އިންތިހާބަށް ކުރިމަތިލާ މީހުން އިއުލާނުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ.
ގާނޫނުގައި ބުނާ މުއްދަތުތަކާ އެއްގޮތަށް އީސީން ތާވަލުކުރުމުން އިންތިހާބު އެންމެ އަވަހަށް ބޭއްވެނީ ރޯދަމަހުގެ ފަހު 10އެއްގައެވެ.
ނަމަވެސް ރޯދަމަހުގެ ފަހު 10ގައި އިންތިޚާބު ބާއްވާނަމަ އުނދަގޫތަކެއް ކުރިމަތިވާނެތީވެ އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެދުނީ ގާނޫނީ ހައްލެއް ހޯދައިދިނުމަށެވެ.
މިކަމަށް ހައްލެއް ގެނައުމަށް އީސީން ވަނީ އިންތިހާބު ބާއްވަން ގާނޫނުގައި ބުނާ މުއްދަތުތަަކަށް ބަދަލު ގެންނަން ދެ ގޮތެއް ހުށަހަޅާފަ އެވެ.
އީސީން ކޮމެޓީއަށް ހުށަހަޅާފައި ވަނީ، ރޯދަ މަހުގެ ކުރިން އިންތިހާބުގެ ކަންކަން ކުރިއަށް ގެންގޮސް ނިންމާލުމަށެވެ. އެއީ، ގާނޫނު ބުނާ ޓައިމްލައިނަށް ބަލާއިރު އިންތިހާބު ބޭއްވޭނެ އެންމެ އަވަސް ތާރީހަކީ އަންނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހަށް ވާތީ އެވެ. އެއީ ރޯދަ މަސް ތެރެ އެވެ.
އެހެންނަމަވެސް ކޮމިޓީން ކުރިންވެސް ބުނެފައިވަނީ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ރޯދަ މަހަށް ފަހު ލިބޭތީ ރޯދަ މަސް ނިމުމުން އެންމެ އަވަހަށް ބޭއްވޭ ތާރީހެއްގައި އިންތިހާބު ބޭއްވުމަށެވެ.
ނަމަވެސް އީސީން ވަނީ އެކަމުގައި ކަންބޮޑުވުން އޮތްކަން ހާމަކޮށްފަ އެވެ.
އިލެކްޝަންސް އިން ވަނީ ގާނޫނުގައިވާ ތާރީހުގައި އިންތިހާބު ބޭއްވޭނެކަމުގެ ޔަގީންކަން ދީފައެވެ. ނަމަވެސް އެ އިންތިހާބު ބާއްވާ ތާރީހު ރޯދަމަހާ ދިމާވާތީ އެ ކޮމިިޝަނުން މަސައްކަތް ކުރަނީ ރޯދައިގެ ކުރިން އިންތިހާބު ބޭއްވޭނެ ގާނޫނީ ހައްލެއް ހޯދުމަށް ކަމަށް ބުނެއެވެ.
އީސީ ރައީސް ފުއާދު ތައުފީގު ވަނީ ރޯދަމުގެ ފަހު ދިހަ ދުވަހު ސަރުކާރު ބަންދުކުރަން ނިންމާފަވާތީ ފިނޭންސް އަދި އެޑިއުކޭޝަން މިނިސްޓްރީ ބަންދުވާނެތީ އިންތިހާބު ބޭއްވުމްށް އިތުރަށް ދަތިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވިދާޅުވެފަ އެވެ.
ރޯދަ މަހުގައި އިންތިހާބު ބާއްވާނަމަ ކެނޑިޑޭޓުންނަށް ރޯދަމަހު ކެމްޕެއިންކުރަންވެސް ދަތިވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ކޮމިޓީ ގިނަ މެމްބަރުން ވަނީ އީސީން ދައްކާ ވާހަކަ ބަލައިގަންނަން ދެކޮޅުހައްދަވާފަ އެވރ. އަދި މިހާރު އޮތް ގޮތަށް އިންތިހާބު ބާއްވަން އެއްވެސް ހުރަހެއް ނެތް ކަމަށް މެންބަރުން ވިދާޅުވެފައިވެއެވެ.
ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ މަޖިލިސް އިންތިހާބު އަވަސްކުރާނަމަ ކެންޑިޑޭޓުންނަށް ކެމްޕޭނުކުރުމަށް ލިބޭ ވަގުތު ވަރަށް ކުޑަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރޮޒެއިނާ ވަނީ ރޯދައިގެ ކުރިން އިންތިހާބަށް ތައްޔާރުވުމަށް އީސީން ކުރަން ޖެހޭ ކަންކަން ކުރެވޭނެ ކަމަށާ ޓްރެއިނިން ދޭންޖެހޭ ފަރާތްތައް ޓްރެއިން ދީ ނިންމާ ރޯދަ މަސްތެރޭ ވޯޓު ފޮށިތައް ރަށްރަށަށް ފޮނުވުން ފަދަ ކަންކަން ކުރެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.