ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދޫކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލަން އޭސީސީން އެންގުމާ ގުޅިގެން މިއަދުގެ ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ މެންބަރުން ވަނީ ހާޒިރުކޮށްފަ އެވެ.
އޭސީސީގެ މެންބަރުން، މަޖިލިހުގައި ދެއްކި ވާހަކަތަކުން އެނގުނު ގޮތުގައި ޝަރުތު ހަމަ ނުވާ ކަމަށް ގެދޮރުވެރިޔާ ޕޯޓަލްއިން ދެއްކި ނަމަވެސް، ސުޕަވައިޒް ކުރާ ފަރާތްތަކުން އެ ބަދަލުކޮށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ އޭސީސީއަށް ވަނީ ފާހަގަ ކުރެވިފަ އެވެ.
މަޖިލިހުގައި، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ނައިބު ރައީސް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ޕޯޓަލްއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ހުރިހާ ލިޔެކިޔުންތަކެއް އެއްކުރުމަށް ފަހު އޮޓޯއިން މާކްސްތައް ޖެނެރޭޓްވީ ނަމަވެސް މާކްސްތައް އެޕްރޫވް ކުރަން ހުންނަ ފަރާތްތައް ނުވަތަ އެޕްރޫވަލްގެ މައްޗަށް ސުޕަވައިޒް ކުރަން ހުންނަ ފަރާތްތަކުން މާކްސް ބަދަލުކޮށްފައި އެބަހުއްޓެވެ.
ދަރިއަކު ނެތް ކަމަށް ޖަހާފައި އޮއްވާ އަދި ޑީއެންއާރުގެ ޑޭޓާތަކުންވެސް އެކަން އެނގޭއިރު އެޕްރޫވްކުރަން ހުންނަ ފަރާތްތަކުން އެޕްލިކަންޓްގެ ދަރިއެއް ހުންނަ ކަމަށް ޖަހައި އިތުރަށް މާކްސް ދީފައި ހުރިކަންވެސް އޭސީސީއަށް ވަނީ ފާހަގަ ކުރެވިފަ އެވެ.
އޭގެ އިތުރުން ލިޔެކިޔުންތަކުން އެއީ މާލޭގައި ދިރިއުޅޭ މީހެއް ނޫން ކަން ވަރަށް ސާފުކޮށް ފެންނަން އޮންނައިރުވެސް އެފަދަ ފަރާތްތަކަށްވެސް ޝަރުތު ހަމަވާ ކަމަށް ނިންމައި ފްލެޓު ވެސް ދީފައި ހުރިކަން އޭސީސީން ފާހަގަ ކުރި އެވެ.
އެކަމާ ގުޅިގެން އަކްރަމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރުތު ހަމަވާކަށް، މާލޭގައި ވަޒީފާ އަދާކުރާ ފަރާތަކަށް ވާކަށް ނުޖެހޭކަމަށާއި، ރަށެއްގައި ނުވަތަ ރިސޯޓެއްގައި ކޮންމެ ވަޒީފާއެއް އަދާކުރިނަމަވެސް އެފަރާތުގެ އަނބިދަރިން މާލޭގައި ދިރިއުޅޭނަމަ ޝަރުތު ހަމަވާނެ ކަމަށެވެ.
އަކްރަމް ވިދާޅުވީ ޝަރުތު ހަމަނުވާ ފަރާތަކަށް ގިނައިން ޕޮއިންޓް ދީގެން ޝަރުތުހަމައެއް ނުކުރެވޭނެ ކަމަށާއި އޭސީސީ އިން ކުރައްވާ ތުހުމަތުތަކަކީ ސިޔާސީ ކުލަޖެހިފައިވާ ތުހުމަތެއް ކަމަށެވެ.
އަކްރަމް ވަނީ މާކްސް ދީފައިވާ ގޮތައް ކުރާ ތުހުމަތު ތަކަށް ރައްދު ދީފައެވެ. އެގޮތުން އޭނާ ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްގައި ސިސްޓަމް ސްކޯ އަކާ ވެރިފިކޭޝަން ސްކޯއެއް ނީންނާނެ ކަމަށެވެ. އަދި ސިސްޓަމުން ދައްކަނީ އެޕްލިކަންޓް ނަގާފައިން އޮޕްޝަން ކަަމަށް ވިދާޅުވި އެވެ.
ނަމަވެސް ގެދޮރުވެރިޔާ ސްކީމުގައި ޝަރުތުހަމަވާ އުސޫގައިވާ ގޮތާއި އަކްރަމް ވިދާޅުވި ގޮތް ދިމާނުވާކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.