ads
ނައިބު ރައީސް ހުސައިންގެ އަރިހަށް އޮސްޓްރޭލިޔާގެ ސަފީރު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން - ފޮޓޯ:ރައީސް އޮފީސް
އޮސްޓްރޭލިއާ އާއެކު އެކި ދާއިރާތަކުން ގުޅުންތައް ބަދަހިކުރަން މަޝްވަރާކޮށްފި
އޮސްޓްރޭލިއާ އާއެކު އެކި ދާއިރާތަކުން ގުޅުންތައް ބަދަހިކުރަން ރާއްޖޭން މަޝްވަރާކޮށްފި އެވެ.

އޮސްޓްރޭލިޔާ އާއެކު މި މަޝްވަރާތައް ކޮށްފައި ވަނީ އެ ގައުމުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖަސެޕް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން އޮތީ ބުދަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި އޮސްޓްރޭލިޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވުމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ސަފީރަށް ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންކަމީ ޝަރަފެއް ކަމުގައި ވިދާޅުވި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމާ ގުޅޭގޮތުން އޮސްޓްރޭލިޔާގެ ސަފީރާއި ނައިބު ރައީސް އާ ވާހަކަފުޅު ދެއްކެވި ކަަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ އޮސްޓްރޭލިޔާގެ ސަފީރު ވަނީ ރާއްޖެއަށް މިހާރުން މިހާރަށް ބޭނުންވާ ތަރައްގީގެ މުހިންމު ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް މި ސަރުކާރުން އެކުލަވާލާފައިވާ "ހަފުތާ 14" އަށް ތައުރީފު ކުރައްވާފައިވާ ކަމަށެވެ. އަދި ނައިބު ރައީސް އާއި އޮސްޓްރޭލިޔާގެ ސަފީރު ވަނީ، ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނި ގޮތުގައި އެ ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިކަން، ނަފްސާނީ ދުޅަހެޔޮކަން، އިންސާނީ ވަސީލަތްތައް ތަރައްގީކުރުން، ތައުލީމު، ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ދޭދޭ އަދި ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުން އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ މުހިންމު މައްސަލަތައްވެސް ހިމެނޭ ކަމުގަ އެވެ.

ސަފީރުގެ ވާހަކަފުޅުގައި، އޮސްޓްރޭލިޔާ އާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް އެ ގައުމުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި، ދާދިފަހުން ރާއްޖޭގައި އޮސްޓޭލިޔާގެ ހައިކޮމިޝަނެއް ގާއިމުކުރުން އެއީ އޭގެ ހެއްކެއް ކަމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނެފައި ވަނީ ސަފީރު ވަނީ، ދެ ގައުމުން ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށް މަސައްކަތްކުރެއްވުމާ އެކު ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލުތަކަށް އިހުތިރާމުކުރުމާއި މިނިވަންކަމާއި އިސްތިގްލާލު ރައްކާތެރިކޮށް އަދި ސުލްހަ މަސަލަސްކަން ކުރިއެރުވުމަށްވެސް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައި ކަމަށެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކޮށް ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައިވާ ކަމަށެވެ. ރާއްޖެ އާއި އޮސްޓްރޭލިޔާއިން ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް