
އޭޕްރީލް، 2012 ގައި ޝިފާނަށް ތޫނު އެއްޗެހިން ހަމަލާދީ މަރައިލި މައްސަލައިގައި ކުށް ސާބިތުވާތީ ހައި ކޯޓުން މަރުގެ ހުކުމް އިއްވީ، ދަފްތަރު ނަމްބަރު 2193 މުހައްމަދު ޝައިފަންގެ މައްޗަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުުން ބެއްލެވީ އުއްތަމަ ފަނޑިޔާރު ހިމެނޭހެން، ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އުއްތަމަ ފަނޑިޔާރާ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާ، ފަނޑިޔާރު އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދާ، ފަނޑިޔާރު އަލްއުސްތާޛު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސޫދުއެވެ. މި ބެންޗުން ފަނޑިޔާރު ޝުޖޫން ފިޔަވައި އަނެއް ހަތަރު ފަނޑިޔާރުންވަނީ ޝައިފަން މަރަން ހައިކޯޓުން ކުރި ހުކުމަށް ތާއީދުކޮށްފައެވެ.
އެ މައްސަލައިގައި ޝައިފަންއާ އެކު ހަ މީހެއްގެ މައްޗަށް ދަށު ކޯޓުގައި ދައުވާ ކުރިޔަސް އެއިން އެއްވެސް މީހަކަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެހެންވެ ޝައިފަން އާއި އިތުރު ދެ މީހެއްގެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ޝައިފަންގެ އިތުރުން ދައުލަތުން އިސްތިއުނާފް ކުރީ މ. ދިންމަނަ އަބްދުﷲ ތިލްމީޒާއި މ. ސިލްވަނެޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ އެވެ. އެކަމަކު އެ ދެ މީހުންނަށް ކުށް ސާބިތުނުވާ ކަމަށް ދަށު ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ހައިކޯޓުން 2016 ވަނަ އަހަރު ހުކުމް ކުރިއެވެ.
ޝައިފަންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅަމުން ހައި ކޯޓުގެ ހުކުމުގައިވަނީ ޝިފާނަށް ހަމަލާ ދިނުމުގައި ޝައިފަން ބައިވެރިވިކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އަދި ޝިފާންގެ ނިޔަފަތި ދަށުން ނެގުނު ޑީއެންއޭ އާއި ޝައިފަންގެ ޑީއެންއޭ ދިމާވެފައިވާތީ ހެކިންގެ ބަހަށް އިތުރު ބާރު ލިބޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ޝިފާންގެ ހުރިހާ ވާރިސުން ވެސް ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ ޝައިފަނަށް ދޭންޖެހޭ އަދަބަކީ މަރުގެ އަދަބު ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެ ހުކުމް ސުޕްރީމް ކޯޓަށް ހުށަހެޅީ ޝައިފަންގެ ފަރާތުންނެވެ.