ads
ޕީޖީ ޝަމީމް ނޫސްވެރިންނާއި ބައްދަލުކުރައްވަނީ——ފޮޓޯ: ސީއެންއެމް
ޕީޖީ އޮފީހުގެ ސިޓީ ލިޔާ މުބާރާތަށް 180 އަށްވުރެ ގިނަ މީހުން
ޕްރޮސިކިއުޓާ ޖެނެރަލް(ޕީޖީ)ގެ ވާދައިގެ ތައްޓަށް ބާއްވާ ސިޓީ ލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރުކުރުމުގެ މުއްދަތު ހަމަވިއިރު، 180 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.

ދިވެހިރާއްޖޭން އެންމެ މޮޅަށް ސިޓީ ލިޔާ މީހާ ހޮވުމަށްޓަކައި، ދިވެހި ބަހުން ސިޓީ ލިޔުމުގެ މުބާރާތެއް ބާއްވަން އެ އޮފީހުން ނިންމައި ބައިވެރިވާން ހުޅުވާލުމުން ލިބުނީ ހީކުރިވަރަށްވުރެ މާ ބޮޑު ތަރުހީބެއްކަން ފާހަގަ ކުރަމުން ޕީޖީ އޮފީހުން ބުނީ މުބާރާތުގައި ބައިވެރިވި މީހުންނަށް، އެމީހަކު ލިޔަން ޖެހޭ ސިޓީގެ ނޯޓެއް، އޮންލައިން ޕޯޓަލްގެ ތެރެއިން ފެންނާނެ ކަމަށެވެ. 

އަދި ސިޓީ ލިޔަން ޖެހޭނީ އަތުން ކަމަށާއި އަތުން ލިޔުމަށްފަހު، ފޮޓޯއެއް ނަގައި، ވެބްސައިޓަށް އަޕްލޯޑު ކޮށްލުމުން މުބާރާތުގައި ބައިވެރިވެވުނީ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.

ސިޓީ ނޯޓުގައި ސިޓީ ލިޔަން ޖެހޭ މައުލޫ އޮންނާނެ އެވެ. މައުލޫތަކުގެ ތެރޭގައި "ޝަރީއަތް ނުނިމިގެން ހިތްހަމަނުޖެހުން ފާޅުކުރުން" އަދި "ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް އޮފީހުގެ ހިންގުން ބަދަލުކުރަން ވެރިޔާ އަށް އެދުން" ފަދަ ތަފާތު މައުލޫތައް ހިމެނެ އެވެ.

މުބާރާތަށް ސާޅީހަކަށް މައުލޫ ކަނޑައަޅާފައިވާއިރު، އެ މީހަކު ލިޔަން ޖެހޭ މައުލޫ ކަނޑައެޅިގެންދާނީ އޮޓޯ ޕްރޮސެސްއަކުންނެވެ.

ސިޓީ ފޮނުވުމުގެ މުއްދަތު ހަމަވާނީ، އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެނދުރު ފަހު 2:00 އަށެވެ. 

މުބާރާތުގެ ތަށި މިލްކުވާނީ ތިން އަހަރު ކާމިޔާބުކުރުމުންނެވެ.

މުބާރާތަށް ހުށަހަޅާފައިވާ އިނާމުތަކަކީ:

  • 1 ވަނަ: 3000 ރުފިޔާ، ހަނދާނީ ލިޔުން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ވާދައިގެ ތަށި
  • 2 ވަނަ: 1500 ރުފިޔާ އަދި ހަނދާނީ ލިޔުން
  • 3 ވަނަ: 1000 ރުފިޔާ އަދި ހަނދާނީ ލިޔުން
  • 1 ވަމަ އޮފީސް: ހަނދާނީ ލިޔުން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ވާދައިގެ ތަށި
  • 2 ވަނަ އޮފީސް: ހަނދާނީ ލިޔުން
  • 3 ވަނަ އޮފީސް: ހަނދާނީ ލިޔުން

މީގެ އިތުރުން އެންމެ ގިނަ ސިޓީ ބައިވެރިކުރި އޮފީހަކަށް ހަނދާނީ ލިޔުމާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ވާދައިގެ ތަށި ދޭނެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މި މުބާރާތުގެ މަގުސަދަކީ، ދިވެހި ބަހުން ސާފުކޮށް މޮޅަށް ސިޓީ އިބާރާތްކޮށް ލިޔެ ހެދުމަށް ހިތްވަރުދީ، ސިޓީ ލިޔުމުގެ ސަގާފަތެއް އުފެއްދުން ކަމަށެވެ. މިއީ ސިޓީ ލިޔުމުގެ މިފަދަ ފުރަތަމަ މުބާރާތެވެ. 

އަދަބީ ފަންނެއް ކަމަށްވާ ސިޓީ ލިޔުމުގެ މުބާރާތްތައް ބައެއް ސްކޫލްތަކުގެ އަދަބީ ދުވަސްތަކުގައި ބޭއްވި ނަމަވެސް ގައުމީ ފެންވަރުގައި މިފަދަ މުބާރާތެއް ބާއްވާފައެއް ނުވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް