 
                                                                                                
                    ޕީޖީ އޮފީހުން ބުނި ގޮތުގައި މަންޑޭ ދިރިއުޅުނު، ހުޅުމާލޭ އެފް.ޑަބް.ލިއު ރެސިޑެންސްގެ ޕެންޓްހައުސް ހުސްކޮށް އެތަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މަންޑޭގެ އިތުރުން ރ.އަލިފުށި، ކިނާރާ، ޖައިޝާން ސައީގެ މައްޗަށް ތުހުމަތު ކުރެވެއެވެ.
ފުލުހުންގެ ތަހުގީގައި ހޯދިފައިވާ ކަންކަން
ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އެއިން ހޯދި ފައިސާއިން މަންޑޭ ގަތް ކަމަށް ތުހުމަތުވާ އަގުބޮޑު މުދާތަކުގެ ބައެއް ތަފްސީލްތައް ޕީޖީ އޮފީހުން މިއަދު ވަނީ މީޑިއާ އަށް ތިލަކޮށްދީފަ އެވެ. އަދި ހިފެހެއްޓި އަގުބޮޑު މުދާތަކުގެ ފޮޓޯތައް ވެސް ވަނީ ދައްކައިފަ އެވެ.
 އަގުބޮޑު ޕެންޓްހައުސް ފުލުހުން ފާސްކުރި އިރު، ފެނުނު ބައެއް ތަކެތި
އަގުބޮޑު ޕެންޓްހައުސް ފުލުހުން ފާސްކުރި އިރު، ފެނުނު ބައެއް ތަކެތި
ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން 18 ނޮވެންބަރު 2023 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުންވަނީ މަންޑޭ މަމްދޫޙް ދިރިއުޅުނު އެފް.ޑަބް.ލިއު ރެސިޑެންސްގެ ޕެންޓްހައުސް ބަލައި ފާސްކޮށް އެތަނުގައި ހުރި އަގުބޮޑެތި މުދާތައް ހިފަހައްޓާފައެވެ. އަދި 28 ނޮވެންބަރު 2023 ދުވަހު މަންޑޭ ދިރިއުޅުނު ޕެންޓް ހައުސްއިން މީހުން ހުސްކޮށް އެތަންވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
އެ ޕެންޓްހައުސް ބަލައިފާސްކޮށް ފުލުހުންގެބެލުމުގެ ދަށަށް ގެނެސްފައިވާ މުދަލުގެ ތެރެއިން ހަމައެކަނި އަތްދަބަހާއި، ސެންޓު ފުޅިތަކާއި، ބޫޓާއި ފައިވާން، އަދި ގަހަނާތަކުގެ ލަފާކުރެވޭ އަގު ހަތް މިލިއަން ދިވެހި ރުފިޔާއަށްވުރެ ގިނަކަމަށް ބެލެވެއެވޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މި މައްސަލާގައި ތުހުމަތުކުރެވޭ މަންޑޭ ދިރިއުޅެމުންދިޔަ އެފް.ޑަބްލިއު ރެޒިޑެންސްގެ ޕެންޓްހައުސްއަކީ، ސައްހަ ނޫން ލިޔުންތައް ހުށަހަޅައިގެން ސޮއި ފޯޖުކޮށް ބޭންކަށް އޮޅުވާލައިގެން ހުޅުވާފައިވާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް އެކި މީހުން އެޕާޓްމަންޓް ގަތުމަށް ޖަމާކުރި ފައިސާއިން ގަނެފައިވާ ތަނެއްކަން ފައިނޭންޝަލް އެސެސްމަންޓްތަކުން އެނގެން އޮވެއެވެ.
މި ޕެންޓްހައުސް ގަނެފައިވަނީ 7،862،887.32 (ހަތް މިލިއަން އަށްލައްކަ، ފަސްދޮޅަސް ދެހާސް އަށްސަތޭކަ އަށްޑިހަ ހަތް ރުފިޔާ ތިރީސް ދޭއް ލާރި) އަށެވެ. މި ތަނުގެ ރަޖިސްޓްރީ ބަދަލުކުރުމަށް މަސައްކަތްކޮށްފައިވާކަންވެސް ތަހުގީގަށް ހޯދިފައިވެއެވެ. ޕީޖީން ބުނި ގޮތުގައި މި ވަގުތު މިތަން ވަނީ ކޯޓު އަމުރެއްގެ ދަށުން އެއް އަހަރުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. މިކަން ކޮށްފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުންނެވެ.
ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދާފައިވާ ކަންކަމަށް ބަލައި، އެއް އެޕަރޓްމަންޓްއެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާ ބައިގައި ދައުވާކުރުމަށް މިހާރު ނިންމާފައިވެ އެވެ. މީގެ ތެރެއިން ބައެއް އެޕާޓްމަންޓް ހަ މީހުން، އަދި ހަތް މީހުންނަށް ވިއްކާފައިވާކަންވެސް ފާހަގަކުރެވިފައިވެ އެވެ.