ads
ފާމަސީއެއްގައި ބޭސް ވިއްކަން ބަހައްޓާފައި: ކެމިކަލް ހުރި ޕާކިސްތާން ކުންފުންޏެއްގެ ދިޔާ ބޭސްތަކެއް ރާއްޖޭގައި ވަނީ މަނާކޮށްފައި - ފޮޓޯ:ޕީއެސްއެމް
ކެމިކަލް ހުރި ޕާކިސްތާން ކުންފުންޏެއްގެ ދިޔާ ބޭސްތަކެއް ރާއްޖޭގައި މަނާކޮށްފި
ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީސްއިން އުފައްދާ އެއްވެސް ދިޔާ ބޭހެއް ރާއްޖެ އެތެރެކޮށް، ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފާމިކްސް ލެބޯޓްރީސްގެ ބޭސްތައް ރާއްޖޭގައި މަނާކޮށްފައި ވަނީ އެ ކުންފުނިން އުފައްދާ ބައެއް ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އާއި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީން ނެރުނު އެލާޓަކާ ގުޅިގެން ކަމަށެވެ.

ދުނިޔޭގެ އެހެނިހެން ގައުމުތަކުންވެސް އެ ކުންފުނީގެ ދިޔާ ބޭހުގައި މި ދެ ބާވަތުގެ ކެމިކަލް ހިމެނޭ ކަމަށް އެލާޓްކޮށްފައިވާ ކަމަށް އެ އޮތޯރިޓީގެ އިއުލާނުގައި ބުނެފައިވެ އެވެ. އެމްއެފްޑީއޭއިން ބުނެފައި ވަނީ ރާއްޖޭގެ މާކެޓުގައި ހުރި އެ ކުންފުނީގެ ދެ ބޭހަކުންވެސް މި ކެމިކަލް ފެނުމުގެ ސަބަބުން މިހާރު އެ ޕްރޮޑަކްޓްތައް މަނާ ކޮށްފައިވާ ކަމަށެވެ.

މިއަދުން ފެށިގެން ފާމިކްސް ލެބޯޓްރީސްގެ އެއްވެސް ދިޔާ ބޭހެއް ރާއްޖެއަށް އެެތެރެ ކުރުމާއި ވިއްކުމާ އަދި ބޭނުންކުރުން މަނާ ކުރީ އެ ކުންފުނީގެ ދިޔާ ބޭސް އުފެއްދުމުގައި މިފަދަ މައްސަލައެއް ފާހަގަކުރެވިފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަަށް އެމްއެފްޑީއޭއިން ބުނެ އެެވެ.

މިވަގުތު އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ އެ ކުންފުނީގެ ދިޔާ ބޭސްތައް އެމްއެފްޑީއޭގެ އެ އިއުލާނުގައި ހިމަނާފައިވާއިރު، އެ އޮތޯރިޓީން ވަނީ އެ ލިސްޓުގައި ހުރި އެ ކުންފުނީގެ ދިޔާ ބޭސްތައް ފާމަސީތަކުން ނަގާ، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް