ads
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު
ގިސާސް އާ ދެކޮޅަށް ޕީނަލް ކޯޑުގައި އޮތް މާއްދާ ސުޕްރީމް ކޯޓުން ބާތިލުކޮށްފި
ގިސާސް ހިފުމާ ދެކޮޅަށް ގާނޫނުލް އުގޫބާތުގައި އޮތް މާއްދާ ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.
Advertisement

އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގިސާސް ހިފުން ނުވަތަ މަރަށް މަރު ހިފުމަށް ހުރަސް އެޅޭ ގޮތަށް އޮތް މާއްދާއަކީ ގާނޫނާ ހިލާފު މާއްދާއެއް ކަމަށް ކަނޑައަޅައި އެ މާއްދާ ސުޕްރީމް ކޯޓުން މިއަދު ބާތިލު ކުރީ، އެ ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ މައްސަލައެއްގެ ތެރެއިންނެވެ.

އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން މިއަދު ކުރި ހުކުމުގައި، އެ ފަސް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުން ވަނީ ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު ބާތިލުކޮށްފަ އެވެ.

އެ މާއްދާގައި ބުނަނީ ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެ މަތިން، ކުށެއް ސާބިތުކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތު ކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާ ނަމަ، ގާނޫނުގައި ބަޔާންކުރާ މިންވަރަށް އެ ކުށެއް ސާބިތުވީ ކަމަކަށް ނުބެލެވޭނެ ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ މާއްދާއެއް ބާތިލު ކުރަން ރައުޔުދެއްވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވީ އެ މާއްދާގައި ބުނާ މިންވަރު ސާބިތު ކުރުމަކީ މުސްތަހިއްލު ކަމެއް ކަމަށެވެ. އެހެންކަމުން މި މާއްދާ ޑްރާފްޓް ކޮށްފައިވަނީ ހާސިލުކުރުން މުސްތަހިއްލު ޝަރުތެއް ކޯޓަށް މަތިކޮށް ގިސާސް ހިފުމަށް ހުރަސް އެޅޭ ގޮތަށް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ގިސާސް ހިފުމަކީ ސީދާ ކީރިތި ޤުރުއާނުން ބަޔާން ކުރެވިގެން އައިސްފައިވާ އުގޫބާތެއް ކަމާއި އިސްލާމީ ޝަރީއާގެ މި އަސްލާ ހިލާފުވާ ގޮތަކަށް ރާއްޖޭގައި ގާނޫނެއް ނުހެދޭނެ އަދި މާނަވެސް ނުކުރެވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ފަނޑިޔާރު ވިދާޅުވެފައި ވަނީ އިސްލާމީ ޝަރީއަތާ ހިލާފުވާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ވެސް ވާނީ ބާތިލު އެއްޗަކަށް ކަމަށެވެ. 

އެ މާއްދާ އުވާލަން ފަނޑިޔާރު ސުއޫދު ނެރުއްވި ރައުޔަށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ތާއިދު ކުރެއްވި އެވެ. އެކަމަކު، މި ރައުޔާ ފަނޑިޔާރު އައިޝާ ސުޖޫންގެ ރައުޔު ތަފާތެވެ.

ފަނޑިޔާރު ޝުޖޫން ވިދާޅުވި ގޮތުގައި މިހާރު އަމަލު ކުރާ ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރު އޮތް ގޮތުން އެއްވެސް ހެއްކެއްގައި ފުށުއަރާ ނަމަ، އެމީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑަނޭޅޭނެ ކަމަށެވެ. އެއީ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމެއް ކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

އެ މާއްދާއަކީ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުގައި އިތުރު ރައްކާތެރިކަމެއް ކަމަށް ދެކޭ ކަމަށާއި އެއީ މަރުގެ އަދަބަކީ ގާނޫނުއަސާސީން ލިބިދޭ ދިރިއުޅުމުގެ ހައްގާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެ ހައްގު ނިގުޅައިގަނެވޭނީ ގާނޫނު މަޖިލީހުން ހަދާ ގާނޫނެއްގައި ބަޔާން ކުރާ ގޮތެއްގެ މަތިން ކަމަށާއި އެ ނޫން ގޮތަކަށް އެކަން މާނަ ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް