ads
ކޮޕް-28 ގެ ލީޑާސް ސަމިޓް ހުޅުވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައި - ފޮޓޯ:ރައީސް އޮފީސް
ކޮޕް-28 ގެ ލީޑާސް ސަމިޓް ހުޅުވި ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް-28) ގެ ވޯލްޑް ލީޑާސް ސަމިޓުގައި ބައިވެރިވެވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ މި ސަމިޓުގައި ރައީސްގެ އަރިހުގައި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ މިނިސްޓަރު ތޯރިގު އިބްރާހީމާއި ފޮރިން އެފެއާޒް މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ކޮޕް-28 ބައްދަލުވުމުގައި މިއަދު ރައީސް ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނެފައި ވަނީ މިއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން އެމަނިކުފާނު މިފަދައިން ތަގުރީރު ކުރައްވާ ފުރަތަމަ ފަހަރު ކަމަށެވެ.

ކޮޕް-28 ބައްދަލުވުން ވެގެން ދާނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ބައިނަލްއަގުވާމީ މައިދާނުގައި ހިއްސާކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭ އަގުހުރި ފުރުސަތަކަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ކޮޕް-28 ބާއްވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި 30 ނޮވެމްބަރުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ކަމުގަ އެވެ. މި ކޮންފަރެންސްގައި 70،000 ފަރާތަކުން ބައިވެރިވާއިރު، އޭގެތެރޭގައި ގައުމުތަކުގެ އިސްވެރިންނާއި އެކި ސިނާއަތްތަކުގެ ބައިނަލްއަގުވާމީ ފެންވަރުގެ ލީޑަރުންނާއި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ފަރާތްތަކާއި ތައުލީމީ މާހިރުންނާއި އެކިއެކި ރޮނގުރޮނގުގެ ތަޖުރިބާކާރުންނާއި ޒުވާނުން އަދި ޖަމުއިއްޔާ ޖަމާއަތްތައް ހިމެނޭ ކަމަށް އެ އޮފީހުން ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް