ads
މިފަހުން ކުރިއަށްދިޔަ ސެނެޓު ބައްދަލުވުމުގައި ޕީޕީއެމް އިން ވަނީ ޕީއެންސީއާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމާފަ-
ޕީޕީއެމް/ޕީއެންސީން މޭޔަރު ކަމަށް ވާދަކުރަން ޕްރައިމަރީއަށް ހުޅުވާލައިފި
މާލޭގެ މޭޔަރު އަދި ކައުންސިލްގެ ތިން ދާއިރާއެއްގެ މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.
Advertisement

މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވަނީ މޭޔަރުކަމާއި، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރުގެ މަޤާމެވެ. ހެންވޭރު ދެކުނު ދާއިރާއަކީ އަންހެނުންނަށް ހާއްސަ ގޮނޑިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ މި މަގާމުތަކަށް އެ ކޯލިޝަނުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނޮވެންބަރު 30 އިން ފެށިގެން ޑިސެންބަރު 4 ވާ ހޯމަ ދުވަހުގެ 15:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

ޕްރައިމަރީގައި ވޯޓު ލެވޭނީ މިއަދުގެ ނިޔަލަށް ޕީޕީއެމް ނުވަތަ ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް އެކަންޏެވެ.

މާލޭ ސިޓީގެ މޭޔަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ނިމުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސްކަމުގެ ހުވާ ކުރައްވަން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަކީ އެ ދާއިރާތައް ތަމުސީލު ކުރައްވަމުން ގެންދެވި ކައުންސިލަރުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަންނަވަން އިސްތިއުފާ ދެއްވުމުގެ ސަބަބުން ހުސްވެފައިވާ ގޮނޑިތަކެކެވެ.

މާލޭ މޭޔަރުކަމަށް ޕީޕީއެމް/ޕީއެންސީގެ އިތުރުން އިދިކޮޅު އެމްޑީޕީން ވެސް ވާދަކުރެއެވެ. އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އިއްޔެ ވަނީ ފޯމު ހުށަހަޅައިފައެވެ. އަދި، އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްގެ ފަރާތުން މޭޔަރުކަމަށް މާލޭ ސިޓީގެ ކައުންސިލަރު ސައިފް ފާތިހު އަންނަނީ ކެމްޕޭން ކުރައްވަމުންނެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި ކެމްޕޭނު ކުރައްވަމުން ގެންދަވަނީ ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އެވެ.

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް