ads
ށ. މިލަންދޫގައި ބޭއްވި ޖަގަހަ ޖަލްސާގައި ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު އާ ވަގުތީގޮތުން ކޯލިޝަން ހިންގަވާ އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދައްކާލަނީ -- ފޮޓޯ: މިހާރު
ހުރާއިން ލީޑާޝިޕަށް ދެއްކީ ޔާމީނަށް ހާއްސަ ކުރި ގޮނޑި
ޕީޕީމް/ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ކ އަތޮޅުގެ ރަށްތަކަށް މިއަދު ފެށި ދަތުރު ގައި ކ. ހުރާއަށް ދިއުމުން އެ ރަށުގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުންގެ ސަރުކާރު ހިންގާ ލީޑާޝިޕަށް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ޖަލްސާތަކުގައި ޔާމީނަށް ހާއްސަ ކުރި ގޮނޑި ދައްކާލައިފި އެވެ.

ނިމުނު ރިޔާސީ އިންތިހާބު ދެބުރުގެ ތެރޭގައި ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހާއްސަކޮށްފައި ކެމްޕޭން ހަރަކާތްތަކުގައި ޕީޕީއެމުން "ރައީސް ޔާމީން" ޖައްސަވާފައި ހުސް ގޮނޑިއެއް ބެހެއްޓި އެވެ. އެކަމަކު، އާ ސަރުކާރަށް ހަފުތާއެއްނުވެ ޔާމީނާ އެކު ގުޅުން ގޯސްވެ، ޔާމީން ވަނީ މިދިޔަ ހަފްތާގައި ޕީޕީއެމް އިން ވަކިވެވަޑައިގެން، އަމިއްލަ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. 

ޕީޕީއެމްގެ ނައިބު ރައީސް އަދި މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި އެ ޕާޓީގެ އިތުރު މެމްބަރުން ހުރާއަށް ވަޑަގަތުމުން އެރަށުން ދެންނެވި މަރުހަބާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި ޕީޕީއެމްގެ ޓީމަށް މަރުހަބާ ދަންނަވަން އެއްވީ ވަރަށް މަދު މީސްކޮޅެކެވެ. އެއްވި މަދު ސަޕޯޓަރުން ވެސް ދިޔައީ ރިޔާސީ ކެމްޕޭނުތެރޭގައި ކުރީގެ ރައީސް ޔާމީނަށް ހާއްސަކޮށް ޕީޕީއެމުން ޖަލްސާތަކުގައި ބަހައްޓަމުން ދިޔަ "ގޮނޑި ކޮޅު" ރަމްޒުކޮށްދޭ ގޮނޑިއެއް ކޮނޑަށް ލައިގެން ޕާޓީ ތެރޭގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ނުރުހުން ފާޅުކޮށް އަޑު އުފުލަމުންނެވެ.

"ގޮނޑީގެ ބޭނުންކޮށް ވެރިކަމަށް އާދެވުނީމަ ހަރާންކޯރުވި މީހުން," ރަށަށް ފޭބި ވަފުދާ މުހާތަބުކޮށް ވީޑިއޯގައި ސަޕޯޓަރަކު ބުނެ އެވެ.

"ޔާމީންގެ ފޮޓޯ ދައްކައިގެން ވެރިކަމަށް އައިސް ފާޑުފާޑަށް ހަރާންކޯރެއް ނުވެވޭނެ" ކަމަށް ބުުނާ އަޑު ވެސް އިވެ އެވެ.

ޔާމީން ޕީޕީއެމްގެ ރައީސް ކަމުން ވަކިވެވަޑައިގެން ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވި ފަހުން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އަތޮޅުތެރެއަަށް ފެށި ފުރަތަމަ ދަތުރުގެ ވީޑިއޯ އާންމުވުމާ ގުޅިގެން ޔާމީންގެ އާ ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވައި ކުރީގެ ސައެންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ، ސަރުކާރަށް މަހެއް ނުވަނީސް މިފަދަ ގޮތަކަށް މަރުހަބާ ކިޔުމުން އެނގެނީ ވަރަށް ބޮޑު ގޯހެއް ހަދައިފިކަން ކަމަށެވެ.

އަދި، ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ އެ ވީޑިއޯ ހިއްސާ ކުރައްވައި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

"އެއްވެސް ރައްޔިތަކު ބޭއިންޞާފު ބަލައެއް ނުގަންނާނެ. ރައީސް ޔާމީނު މަތިން ރައްޔިތުން ހަނދާން ނުނެތޭ. އެ ގޮނޑިކޮޅުގެ މާތް ކަމާއެވެ،" ޔާމީންގެ އިސް ވަކީލު ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވާތީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ޔާމީނަށް ގެއްލުނު އިރު، އެ މަނިކުފާނު "އެންޑޯޒްކުރެއްވި ކެންޑިޑޭޓު"ގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.

ރައީސާއި ޔާމީންއާ ދެމެދު މި ވަގުތު ގުޅުން ރަނގަޅު ނޫން ކަމަށް އަޑު ފެތުރިފައިވަނިކޮށް ޕީއެންސީން ވަނީ ޕީޕީއެމް އޮފީހުން ނިކުމެ އާ އޮފީހެއް ވެސް ހުޅުވައިފަ އެވެ. އެ އޮފީސް ހުޅުވައި، ޕާޓީ އަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މި އޮފީހާއިއެކު ދެ ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ވެސް ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.

ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު އެ މަނިކުފާނު އެދިވަޑައިގަތުމުގެ މަތިން ގޭބަންދަށް ބަދަލު ކުރި ރައީސް ޔާމީނަށް ކަސްރަތު ކުރުންފަދަ ހާއްސަ ކަންކަމަށް ގެކޮޅުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކަރެކްޝަންސްއިން ވަނީ ދީފައެވެ.

ޔާމީން މިނިވަން ކުރުމަކީ ޑރ. މުއިއްޒުގެ "ސިޔާސީ ވައުދު" އެކެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް